ޔުނައިޓެޑުން ބޭރުކޮށްލި ސަންޗޯ ބޮރޫޝިއާ ޑޯޓްމަންޑާއި އެކު ޗެންޕިްއަންސް ލީގުގެ ކުއާޓާ ފައިނަލަށް
ހަސަން ޝަމްއޫން
3/14/2024, 12:27:04 AM
ސަންޗޯ ޕީއެސްވީ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ޔުއެފާ ޗެމްޕިއަންސްލީގު ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި ބުދަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ޕީއެސްވީ ބަލިކޮށް ބޮރޫޝިއާ ޑޯޓްމަންޑުން މުބާރާތްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިދެޓީމު ޕީއެސްވީގެ ދަނޑުގައި ކުޅުނު ފުރަތަަމަ ލެގުގެ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި ވާއިރު، މިނަތީޖާއާއެކު ޑޯޓްމަންޑުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ޑޯޓްމަންޑުން މެޗު ޑޮމިނޭޓުކުރި އިރު، މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޯނު އެއްބަސްވުމެއްގެ ދަށުން ޖެނުއަރީމަހުގެ ޓްރާންސްފާ މާކެޓްގައި ޕްރެމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑުން އެޓީމާއި ގުޅުނު އިގިރޭސި ފޯވާޑް ޖޭޑަން ސަންޗޯ އެވެ.
މިއީ އެޓީމުގެ ޖަރުމަނު މިޑްފީލްޑަރު ޖޫލިއަން ބްރޭންޑްޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މީގެ އިތުރުން ވެސް މިހާފުގައި ޑޯޓްމަންޑުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޑޯޓްމަންޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ޕީއެސްވީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި އެޓީމުގެ މެކްސިކޯ ފޯވާޑް ލޮޒާނޯއަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މީގެއިތުރުންވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފަހުހާފުގެ 77 ވަނަ މިނެޓުގައި ޑޯޓްމަންޑުން އިތުރު ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
ޑޯޓްމަންޑުން އެޓީމުގެ ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މާކޯ ރުއިސް އެވެ. މިއީ ޕީއެސްވީގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ކަމިޔާބުކުރި ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޑޯޓްމަންޑް ކުރީގައި އޮވެގެންނެވެ.