އިންޓަ މިލާން ކަޓުވާލުމަށްފަހު އެތްލެޓިކޯ މެޑްރިޑް ކުއާޓާ ފައިނަލަށް
ހަސަން ޝަމްއޫން
3/14/2024, 12:19:29 AM
މެމްފިސް ޑިޕާއީ އިންޓަ މިލާން ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ޔުއެފާ ޗެމްޕިއަންސްލީގު ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި ބުދަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އިޓަލީގެ އިންޓަ މިލާން ބަލިކޮށް އެތްލެޓިކޯ މެޑްރިޑުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިދެޓީމު އިންޓަ މިލާންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 ގެ ނަތީޖާއަކުން އިންޓަ މިލާނުން ކާމިޔާބުކޮށްފައިވާއިރު، އެތްލެޓިކޯ މެޑްރިޑްގެ އެސްޓަޑިއޯ މެޓްރޮޕޮލިޓާނޯގައި ކުޅެވުނު ދެވަނަ ލެގު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވިއިރު 2-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ އެތްލެޓިކޯ މެޑްރިޑެވެ.
މިއާއެކު 2-2 ގެ އެގްރިގޭޓް ނަތީޖާއަކުން ދެޓީމް އެއްވަރުވެ، އިތުރު ވަގުތު 15 މިނެޓުގެ ދެހާފު ކުޅެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އެތްލެޓިކޯ މެޑްރިޑުން ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އިންޓަ މިލާނުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ފެޑްރިކޯ ޑިމާކޯ އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު ނިކޮލަސް ބަރެއްލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނަމަވެސް އޭގެ ދެމިނެޓު ފަހުން އެތްލެޓިކޯ މެޑްރިޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އެންޓުއޮން ގްރިޒްމަން އެވެ. މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އެތްލެޓިކޯ މެޑްރިޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައިި އެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިމެޗުގައި އެޓީމުން ފުރަތަަމަ ފަހަރަށް ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ނެދަލޭންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއީ އެވެ.
މިއީ އެޓީމުގެ ކެޕްޓަން ކޮކޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ 90 މިނެޓްގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކުރީގައި އޮވެގެންނެވެ. މިއާއެކު 2-2 ގެ އެގްރިގޭޓް ނަތީޖާއަކުން ދެޓީމް އެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އެތްލެޓިކޯ މެޑްރިޑުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިިން ތިން ޕެނަލްޓީ އެޓީމުން ކާމިޔާބުކުރި އިރު، އިންޓަ މިލާނުން ފަސް ޕެނަލްޓީ ޖެހިއިރު އެޓީމަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީއެވެ.