
ޗައިނާގެ ހިނގި ބާރުގަދަ ގޮވުން
ޗައިނާގެ ރެސްޓޯރެންޓެއްގައި ބާރުގަދަ ގޮވުމެއް ހިނގައި ދެމީހަކު މަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޗައިނާގެ އުތުރުގެ އަވަށެއްގެ ރެސްޓޯރެންޓެއްގައި ހިނގި ބޮޑު ގޭސް އެކްސްޕްލޯޝަނެއްގެ ސަބަބުން ދެ މީހަކު މަރުވެ 26 މީހުން ޒަހަމްވެފައި ވެއެވެ..
މި ގޮވުން ގޮވާފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 8:00 ހާއިރު ވެރިރަށް ބެއިޖިންގެ އިރުން 50 ކިލޯމީޓަރު (30 މޭލު) ދުރުގައި އޮންނަ ސަންހޭ ސިޓީގައެވެ.
މިގޮވުން ހިނގީ ފްރައިޑް ޗިކަން ފިހާރައެއްގައި ގޭސް ލީކުވެގެން ކަމަށް ބެލެވޭ ކަމަށާއި ޒަހަމްވި މީހުން ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ވަނީ ބުނެފަ އެވެ.
މި ހާދިސާ ހިނގި ލޯކަލް ލެންގްފަންގް ފަޔަރ ސަރވިސްއިން ބުނީ 36 އިމަޖެންސީ ވެހިކަލާއި 154 ފަޔާ ފައިޓަރުން ފޮނުވާފައިވެއެވެ.
މިފަހަކަށް އައިސް ޗައިނާގައި މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގަމުންދާއިރު، ތަހުގީގުތަކުން ދައްކާގޮތުގައި މި ހާދިސާތަށް ގިނަ ފަހަރު ހިނގަން މެދުވެރިވެފައިވަނީ ސަލާމަތީ މިންގަނޑުތަކަށް ބޯނުލެނބުމާއި ތަންފީޒު ނުކުރާ މިންވަރު ދަށްވުމުގެ ސަބަބުން ނެވެ.