ބާސެލޯނާ އަތުން ބަލިވެ ނަޕޯލީ މުބާރަތުން ކަޓައިފި
ހަސަން ޝަމްއޫން
3/13/2024, 1:15:03 AM
ބާސެލޯނާ އާއި ނަޕޯލީ ވާދަކުރި މެޗުގެ ތެރެއިިން
ޔުއެފާ ޗެމްޕިއަންސްލީގު ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި އަންގާރަދުވަހުގެ ރޭ ރަށުން ބޭރުގައި 3-1 ގެ ނަތީޖާއަކުން ބާސެލޯނާ އަތުން ބަލިވެ އިޓަލީގެ ޗެންޕިއަން ނަޕޯލީ މުބާރާތުން ކަޓައިފި އެވެ.
މިދެޓީމު ނަޕޯލީގެ ދަނޑުގައި ކުޅެވުނު ފުރަތަަމަ ލެގުގެ މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި ވާއިރު، މިނަތީޖާއާއެކު ބާސެލޯނާ އަށް ކުއާޓާގެ ފުރުސަތު ލިބުނީ 4-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. އަދި މިއީ 2019/20 ވަނަ ސީޒަނުގެ ފަހުން ބާސެލޯނާ އިން މިމުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަަމަ ފަހަރެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފުރަތަަމަ ހާފުގެ ކުރީކޮޅު ބާސެލޯނާ އިން ވަނީ ގާތްގާތުގައި ދެ ލަނޑު ކާމިޔާބުކޮށް މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު މެޗު 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ފާމިން ލޮޕޭޒް އެވެ.
މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ދެ މިނެޓު ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ ޕޯޗުގަލްގެ ޑިފެންޑަރު ޖޮއާއު ކަންސެލޯ އެވެ. މިއީ ވެސް ރަފީނިއާގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނަޕޯލީން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކޮސޯވޯ ޑިފެންޑަރު އަމީރު ރަހުމާނީ އެވެ. މިއީ އެޓީމުގެ އިޓަލީ ފޯވާޑް މަޓެއޯ ޕޮލިޓާނޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ އެވެ. އެގޮތުން މެޗުގެ 68 ވަނަ މިނެޓުގައި ބާސެލޯނާގެ ޒުވާން ފޯވާޑް ލަމައިން ޔަމާލް ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
ބާސެލޯނާ އިން ލީގު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޮވްސްކީ އެވެ. މިއީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ޒުވާން ތަޖުރިބާކާރު މިޑްފިލްޑަރު ސާޖީ ރޮބާޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ނަޕޯލީގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ހުސް ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފައެވެ. އަދި މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.