ސައުދީ ޗެންޕިއަން އަލް އިއްތިހާދު ކަޓުވާލުމަށްފަހު އަލް ހިލާލް ސެމީ ފައިނަލަށް
ހަސަން ޝަމްއޫން
3/13/2024, 12:37:23 AM
އަލް އިއްތިހާދު ކޮޅަށް ލަނޑުޖެހުމަށް ފަހު އަލް ހިލާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ
އޭއެފްސީ ޗެންޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި އަންގާރަދުވަހުގެ ރޭ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ސަައުދީ ޗެންޕިއަން އަލް އިއްތިހާދު ބަލިކޮށް އަލް ހިލާލުން މުބާރާތްގެ ސެމީފައިނަލުން ޖާގަ ހޯދައިފި އެވެ.
މިދެޓީމު އަލް ހިލާލްގެ ދަނޑުގައި ކުޅެވުނު ފުރަތަަމަ ލެގުގެ މެޗު ވެސް އަލް ހިލާލުން 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާއިރު، މިނަތީޖާއާއެކު އެޓީމަށް ސެމީފައިނަލްގެ ފުރުސަތު ލިބިފައިވަނީ 4-0 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މިމެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިހާފުގައި އެންމެ ހުސް ފުރުސަތެއް ލިބުނީ އަލް އިއްތިހާދު ބްރެޒިލް ފޯވާޑް ރޮމާރީނިހޯ އަށެވެ.
ފުރަތަަމަ ހާފުގެ 17 ވަނަ މިނެޓުގައި އަލް ހިލާލްގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ފުރުސަތުގައި މުޅިން ހުސްކޮށް ހުރެ ރޮމާރީނިހޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އަލް ހިލާލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޔާސިރު އަލް ޝަހުރާނީ އެވެ. މިއީ އެޓީމުގެ ސާބިއާ މިޑްފިލްޑަރު ސާޖް މިލިންކޮވިޗް-ސަވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އަލް ހިލާލުގެ ލަނޑަށްފަހު އަލް އިއްތިހާދުން ވަނީ ކުރިއަށްޖެހި ލަނޑެއްޖެހޭތޯ ވަރަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އެޓީމުގެ މޮރޮކޯ ފޯވާޑް އަބްދުއްރައްޒާކް ހަމްދުﷲ ކުރި ކުށަކާއި ގުޅިގެން ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.
މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން އަލް ހިލާލުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް މަލްކޮމް އެވެ. މިއީ އެޓީމުގެ ސާބިއާ ފޯވާޑް އެލެގްޒެންޑަރ މިޓްރޮވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މުބާރާތުގެ ސެމީފައިނަލްގައި އަލް ހިލާލުން ނުކުންނާނީ ޔޫއޭއީގެ އަލް އައިން އާއި ދެކޮޅަށެވެ. އެޓީމު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި އަލް ނަސްރު ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމުގެ މެދުގައި ކުޅެވޭ ސެމީފައިނަލްގެ ފުރަތަަމަ ލެގުގެ މެޗު އެޕްރީލް 16 ވަނަ ދުވަހު އަލް އައިންގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު އަލް ހިލާލްގެ ދަނޑުގައި ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ.