logoEN
cocacola
އަމިއްލަ ދަނޑުގައި ސެލްޓާ ވީގޯ އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް

އަމިއްލަ ދަނޑުގައި ސެލްޓާ ވީގޯ އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

3/11/2024, 12:45:31 AM

# ލަލީގާ# ރެއާލް މެޑްރިޑް# ސެލްޓާ ވިގޯ # ބޭރު ދުނިޔޭގެ ކުޅިވަރު

ވިނީޝިއަސް ޖޫނިއަރ ސެލްޓާ ވީގޯ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ސެލްޓާ ވީގޯ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ ކުރީގައި 7 ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.

ގޮސިޔާ

ލީގުގައި އެންމެ ފަހުން ކުޅުނު ދެމެޗުން ރެއާލް މެޑްރިޑަށް މޮޅެއް ހޯދިފައިނުވާ އިރު، އެޓީމުން މިމެޗަށް ނިކުތީ މިދިޔަ ހަފްތާގައި ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗުގައި ރަތްކާޑު ދެއްކި އެޓީމުގެ ޒުވާން މިޑްފިލްޑަރު ބެލިންހަމްގެ އިތުރުން އަނިޔާގައި ތިބި ގޯލްކީޕަރު ކޯޓުއާ، ޑިފެންޑަރު މިލީޓޯ އަދި އަލަބާގެ އިތުރުން ކަވަހާލް އާއި ނުލައެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ރެއާލް މެޑްރިޑުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓުކުރި އިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ރެއާލް މެޑްރިޑުން މެޗުގެ ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ.

މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ޑިފެންޑަރު ރުޑިގާ ގޯލާއި އަމާޒުކޮށް ބޮލުން ފޮނުވާލި ބާރު ހަމަލާ ސެލްޓާ ވީގޯގެ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ރެއާލް މެޑްރިޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.

މިލަނޑަކީ ރެއާލް މެޑްރިޑްގެ ޖަރުމަނު ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ބޮލުން ފޮނުވާލި ބާރު ހަމަލާއެއް ހުރަސް ދަނޑީގައިޖެހިފައި ނިކުތް ވަގުތު ސެލްޓާ ވީގޯގެ ކީޕަރު ވިސެންޓޭ ގުއައިޓާ ބުރަކަށީގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ 9 މިނެޓުފަހުން ރެއާލް މެޑްރިޑުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.

މިލަނޑަކީ ދެވަނަ ހާފުގެ 88 ވަނަ މިނެޓުގައި ރެއާލް މެޑްރިޑްގެ ބުރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެތެރޭގައި އެޓީމުގެ ޒުވާން ޑިފެންޑަރު ކާލޯސް ޑޮމިންގުއޭޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިމެޗުގައި ރެއާލް މެޑްރިޑުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ފަހުހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ޒުވާން މިޑްފީލްޑަރު އަޑާ ގުލާރ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 28 މެޗުން ރެއާލް މެޑްރިޑަށް 69 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. ދެވަނާގައި އޮތް ޖިރޯނާ އަށް 28 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ސެލްޓާ ވީގޯ އިން ލީގުގައި ކުޅުނު 28 މެޗުން ލިބުނު 24 ޕޮއިތންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 17 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ