ކޭން ގެ ހެޓްރިކާއެކު މައިންޒް އަތުން ބަޔާން މިއުނިކަށް ފަސޭހަ މޮޅެއް
ހަސަން ޝަމްއޫން
3/10/2024, 3:05:00 AM
ހެރީ ކޭން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ޖަރުމަނު ބުންޑަސްލީގާގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ލީގު ތާވަލުގެ ފަހަތުން ދެވަނާގަައި އޮތް މައިންޒް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު 8-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަޔާން މިއުނިކުން ކާމިޔާބުކޮށްފިއެވެ.
ލީގުގައި މައިންޒުން އެންމެ ފަހުން ކުޅުނު 17 މެޗުން އެޓީމަށް މޮޅެއް ހޯދިފައިނުވާ އިރު، އޭގެތެރޭގައިން 9 މެޗުން އެޓީމު ބަލިވެފައިވާއިރު، 8 މެޗު ނިމިފައި ވަނީ އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަަމަ ހާފު 3-1 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގައިި ބަޔާން މިއުނިކުން ވަނީ އިތުރު 5 ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި އެޓީމުގެ އިގިރޭސި ފޯވާޑް ހެރީ ކޭން ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދި އިރު، މިސީޒަނުގައި ލީގުގައި ކުޅުނު 25 މެޗުގައި އޭނާ ވަނީ ބަޔާން މިއުނިކަށް 30 ލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން އެޓީމުގެ ޖަރުމަނު މިޑްފީލްޑަރު ލިއޮން ގޮރެޓްޒްކާ މިމެޗުގައި ދެ ލަނޑު ކާމިޔާބުކުރި އިރު، އެޓީމުގެ ޒުވާން މިޑްފީލްޑަރު ޖަމާލް މުސިއާލާ, ފޯވާޑް ސާޖް ގްނަބްރީ އަދި ތަޖުރިބާކާރު މިޑްފިލްޑަރު ތޯމަސް މުލާ މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.
މިމެޗުގައި މައިންޒްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައިި އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަނު މިޑްފީލްޑަރު އަމީރީ އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 8-1 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 25 މެޗުން ބަޔާން މިއުނިކަށް 57 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި މައިންޒުން ލީގުގައި ކުޅުނު 25 މެޗުން ލިބުނު 16 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 17 ވަނައިގައެވެ.