އަމިއްލަ ދަނޑުގައި މަޔޯކާ އަތުން ބާސެލޯނާއަށް އުނދަގޫ މޮޅެއް
ހަސަން ޝަމްއޫން
3/9/2024, 2:55:30 AM
ބާސެލޯނާ އާއި މަޔޯކާ ވާދަކުރި މެޗުގެ ތެރެއިިން
ސްޕެނިޝް ލަލީގާގައި ހުކުރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން މަޔޯކާ އަތުން މޮޅުވެ ބާސެލޯނާ އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓުކުރި އިރު މި ހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިހާފުގައި އެޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ މިޑްފީލްޑަރު ގުންޑޮގާން އަށެވެ.
ނަމަވެސް ފުރަތަަމަ ހާފުގެ 24 ވަނަ މިނެޓުގައި މަޔޯކާގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ބާސެލޯނާއަށް ލިބުނު ޕެނަލްޓީއެއްގައި ގުންޑޮގާން ކުރިއަށް ފޮނުވާލި ބޯޅަ މަޔޯކާގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މީގެ އިތުރުން ވެސް މިހާފުގައި ބާސެލޯނާއަށް ލީޑު ނެގުމަށް އެޓީމުގެ ޕޯޗުގަލް ފޯވާޑް ޖޮއާއު ފެލިކްސް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ބާސެލޯނާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ލަމައިން ޔަމާލް އެވެ. މިއީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޮވްސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ބާސެލޯނާ އިން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 28 މެޗުން ބާސެލޯނާއަށް 61 ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް ވުރެ އެއް މެޗު މަދުން ކުޅެ 66 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ ވާދަވެރި ރެއާލް މެޑްރިޑެވެ. އަދި މިމެޗުން ބަލިވި މަޔޯކާ އިން ލީގުގައި ކުޅުނު 28 މެޗުން ލިބުނު 27 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 15 ވަނައިގައެވެ.