ރެއާލް ސޮސިއެޑާޑް ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް
ހަސަން ޝަމްއޫން
3/6/2024, 1:00:00 AM
ކިލިއަން އެމްބާޕޭ ރެއާލް ސޮސިއެޑާޑް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ޔުއެފާ ޗެމްޕިއަންސްލީގު ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގެ އަންގާރަދުވަހުގެ ރޭ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް އަތުން މޮޅުވެ ޕީއެސްޖީ އިން މުބާރާތްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިދެޓީމު ޕީއެސްޖީ ދަނޑުގައި ކުޅުނު މެޗު 2-0 ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް ބަލިވެފައިވާ އިރު، ޕީއެސްޖީ އިން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޕީއެސްޖީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ އެވެ. މިއީ އެޓީމުގެ އުސްމާން ޑެންބެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުވެސް ވަރުގަދަކޮށް ފެށީ ޕީއެސްޖީ އިންނެވެ. އެގޮތުން ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ޕީއެސްޖީ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. މިއީ މިސީޒަނުގެ ޗެންޕިއަން ލީގުގައި އޭނަ ކަމިޔާބުކުރި 6 ވަނަ ލަނޑެވެ. މީގެ އިތުރުން މިއީ މިސީޒަނުގައި އޭނާ ޕީއެސްޖީއަށް ކުޅުނު 34 މެޗުގައި ކާމިޔާބުކުރި 34 ވަނަ ލަނޑެވެ.
ޕީއެސްޖީގެ ލަނޑަށްފަހު ރެއާލް ސޮސިއެޑާޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
ރެއާލް ސޮސިއެޑާޑުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެނިޝް މިޑްފީލްޑަރު މިކޭލް މެރީނޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
މިއީ ފާއިތުވެދިޔަ 8 އަހަރު ތެރޭގައި މިމުބާރާތުގެ ކުއާޓާ ފައިނަލުން ޕީއެސްޖީ އިން ޖާގަ ހޯދި ތިންވަނަ ފަހަރެވެ.