ރިޔާސީ އިންތިހާބު ކާމިޔާބުނުވީ ޕްރައިމެރީއަށްފަހު އެކުގައި މަސައްކަތް ނުކުރެވުމުން - ސޯލިހް
އަހުމަދު ޝުރާއު
3/5/2024, 1:59:48 PM
ރައީސް ނަޝީދު އާއި ރައީސް ސޯލިހް
ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުނުކުރެވުނީ ރިޔާސީ ޕްރައިމެރީއަށްފަހު އެކަތިގަނޑެއްގެ ގޮތުގައި ކުރިޔަށް ނުދެވުމުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ
ރައީސް ސޯލިހް މިފަދައިން ވިދާޅުވީ ކުރިޔަށް އޮތް މަޖިލީސް އިންތިހާބަށް ކެމްޕެއިން ކުރެެއްވުމަށް މިހާރު އަތޮޅުތެރެއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ނ މަނަދޫއަށް ވަޑައިގެން ބޭއްވި ބައްދަލުވުމެއްގައި ވާހަކަުފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ހޮވުމަށް އެމްޑީޕީއިން ބޭއްވި ޕްރައިމަރީއަކީ ވަރަށް ވާދަވެރިކޮށް ދިޔަ ޕްރައިމަރީއެއް ކަމަށާއި އެ ޕްރައިމަރީން ބަލިވި ބޭފުޅުން އެކުގައި ކުރިއަށް ވަޑައިގެންނެވޭ ގޮތެއް ނުވި ކަމަށެވެ. އަދި އެއީ އިންތިހާބު ނާކާމިޔާބުވި މައިގަނޑު ސަބަބުކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
މިއާއި އެކު އެކަމުން ފިލާވަޅު ލިބި ކުރިޔަށް އޮތް މަޖިލީސް އިންތިހާބަށް އެޕާޓީއިން ބޭއްވި ޕްރައިމެރީއިން ނާކާމިޔާބުވެވަޑައިގެން ބޭފުޅުންވެސް ޕްރައިމެރީ ކާމިޔާބުކުރި ކެނޑިޑޭޓުންނާއި އެކުގައި ކުރިޔަށް ވަޑައިގަތުމަށް ރައީސް ސޯލިހް އެދިވަޑައިގެންނެވި އެވެ. ރައީސް ސޯލިހް ވިދާޅުވީ އެކީގައި މަސައްކަތް ނުކުރެވިއްޖެ ނަމަ، މަޖިލިސް އިންތިހާބުގައި އެމްޑީޕީން ބޭނުން ނުވާގޮޮތަށް ނަތީޖާ ނުކުތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
2023 ވަނަ އަހަރު އެމްޑީޕީއިން ބޭއްވި ރިޔާސީ ޕްެރައިމެރީގައި ވާދަކުރެއްވީ ރައީސް ސޯލިހު އާއި އެޕާޓީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު އެވެ. އެޕްރައިމެރީ ރައީސް ސޯލިހް ކާމިޔާބުކުރެއްވުމާއި އެކު ރައީސް ނަޝީދުގެ އަރިސް ބޭފުޅުން ވަނީ ފާޅުގައި އެމްޑީޕީއަށް ފާޑުވިދާޅުވެ ސަރުކާރާއި ދެކޮޅަށް ތެދުވެފައި އެވެ. އަދި މާގިނަ ދުވަސްތަކެއް ނުވެ ރައީސް ނަޝީދުވެސް އެޕާޓީއިން ވަކިވެވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާއި އެކު ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައިފި އެވެ. އަދި ރިޔާސީ އިންތިހާބުގައި އެޕާޓީގެ ކެނޑިޑޭޓެއް ނެރެ ރައީސް ސޯލިހު އަށް ގޮންޖައްސަވާފައި އެވެ.
ރިޔާސީ އިންތިހާބުގައި ނަޝީދު ބެކް ކުރެއްވި ޑިމޮކްރެޓްސްގެ ކެނޑީޑޭޓަށް ވަނީ ތިން ވަނައަށް އެންމެ ގިނައިން ވޯޓު ލިބިފައި އެވެ. އެއާއި އެކު އޭރުގެ ސިޔާސީ މަައިދާނުގެ ކިންގް މޭކާއަށް ވެގެންދިޔައީ ޑިމޮކްރެޓްސް އެވެ. އަދި ރައީސް ޑރ މުހައްމަދު މުއިއްޒު އަށް ދެވަނަ ބުރު ކާމިޔާބުކުރެެއްވުމަށް ޑިމޮކްރެޓްސްއިން އެހީވެދިނެވެ.
ރިޔާސީ ޕްރައިމެރީގެ ކުރިންވެސް އެމްޑީޕީ އޮތީ ދެބައި ވެފައި އެވެ. އެއީ އެޕާޓީގެ ޗެއާޕާސަންއަކު ހޮވުމަށް ބޭއްވި އިންތިހާބު ރައީސް ސޯލިހް ބެކް ކުރެއްވި ފައްޔާޒް ކާމިޔާބުކުރެއްވުމުންނެވެ. އެ އިންތިހާބުގައިި ރައީސް ނަޝީދުގެ ބެކިންގ ގައި ނުކުންނެވީ އިމްތިޔާޒް ފަހުމީ އެވެ. އިމްތިޔާޒްވެސް ވަނީ ފަހުން ރައީސް ނަޝީދު އާއި އެކު ޑިމޮކްރެޓްސް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވާފައި އެވެ.