އަމިއްލަ ދަނޑުގައި އަލް ނަސްރު އަތުން މޮޅުވެ، އަލް އައިން އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި
ހަސަން ޝަމްއޫން
3/5/2024, 4:22:33 AM
އަލް ނަސްރާއި އަލް އައިން ވާދަކުރި މެޗުގެ ތެރެއިިން
އޭއެފްސީ ޗެންޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަަމަ ލެގުގައި ހޯމަދުވަހުގެ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން އަލް ނަސްރު އަތުން މޮޅުވެ އަލް އައިން އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
އަނިޔާ އާއި ސަސްޕެންޝަންގެ ސަބަބުން މުހިންމު ގިނަ ކުޅުންތެރިންތަކަކާއި ނުލައި އަލް ނަސްރުން ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓުކުރީ އަލް ނަސްރުން ނެވެ. ނަމަވެސް ފުރަތަމަ ހާފުގައިި އަލް އައިން އިން ވަނީ ކައުންޓާ އެޓޭކުތަކުގައި ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
އެގޮތުން ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ވެސް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
އަލް އައިން އިން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މޮރޮކޯގެ މިޑްފީލްޑަރު ސުފިއާން ރަހީމީ އެވެ. މިއީ އެޓީމުގެ ޕެރަގުއޭ މިޑްފީލްޑަރު ކަކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް އައިން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި މެޗުގެ ނަތީޖާ އެއްވަރުކުރުމަށް އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ.
މީގެ އިތުރުން ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި ރަހީމީ އަލް އައިން އަށް އިތުރު ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ވެސް އޮފްސައިޑް ލަނޑެއް ކަމަށެވެ. މީގެ އިތުރުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބޯޅަ ނެތިސް އަލް އައިންގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާއި ގުޅިގެން އަލް ނަސްރުގެ ސްޕެނިޝް ޑިފެންޑަރު އެމެރިކް ލަޕޯޓް އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.
މިދެ ޓީމުގެ މެދުގައި ކުޅެވޭ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގެ މެޗު އަލް ނަސްރުގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އެވެ.