އަމިއްލަ ދަނޑުގައި ޔުވެންޓަސް އަތުން ޗެންޕިއަން ނަޕޯލީ އަށް އުނދަގޫ މޮޅެއް
ހަސަން ޝަމްއޫން
3/4/2024, 4:44:48 AM
ޔުވެންޓަސް އާއި ނަޕޯލީ ވާދަކުރި މެޗުގެ ތެރެއިިން
އިޓާލިއަން ސެރިއޭގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޔުވެންޓަސް އާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން މޮޅުވެ، ޗެންޕިއަން ނަޕޯލީން ލީގު ތާވަލްގެ 7 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ނަޕޯލީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އެޓީމުގެ ޖޯޖިޔާ ފޯވާޑް ކްވިޗާ ކްވަރަޝްކޭލިއާ އެވެ.
މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ދެމެޗުގައި އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ނަޕޯލީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ޔުވެންޓަސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފެޑެރިކޯ ޗިއެސާ އެވެ.
ނަމަވެސް، އޭގެ ހަތް މިނެޓު ފަހުން ނަޕޯލީން ވަނީ ލަނޑެއް ކާމިޔާބުކޮށް، ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. މިއީ އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ވިކްޓާ އޮސިމްހެން ފޮނުވާލި ބޯޅަ، ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އެޓީމުގެ އިޓަލީ ފޯވާޑް ގިއަކޮމޯ ރަސްޕަޑޯރީ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ނަޕޯލީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 27 މެޗުން ނަޕޯލީ އަށް 43 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 7 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ޔުވެންޓަސް އަށް 27 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި އެއް ވަނައިގައި އިންޓަ މިލާން އޮތީ، ޔުވެންޓަސް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން 69 ޕޮއިންޓާއެކު އެވެ.