މަޔޯކާ އަތުން ބަލިވެ، ޖިރޯނާ އިން ފުރުސަތު ނަގާލައިފި
ހަސަން ޝަމްއޫން
3/4/2024, 12:30:00 AM
ޖިރޯނާ އާއި ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުރިން މަޔޯކާގެ ކުޅުންތެރިން ދަނޑުމަތީގައި
ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން މަޔޯކާ އަތުން ބަލިވެ، ލީގު ތާވަލުގެ ކުރީގައި އޮތް ރެއާލް މެޑްރިޑާއި ދެމެދުގައިވާ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކުރަން ލިބުނު ފުރުސަތު ޖިރޯނާ އިން ނަގާލައިފިއެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަަމަ ހާފުގެ 9 ވަނަ މިނެޓުގައި ޖިރޯނާގެ މިޑްފީލްޑަރު އިވާން މާޓިން އަށް މަޔޯކާގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ފުރުސަތެއްގައި ބޮލުން ފޮނުވާލި ހަމަލާ ކީޕަރު ދިފާއުކުރިއިރު، އޭގެ ފަސް މިނެޓު ފަހުން މަޔޯކާގެ މިޑްފީލްޑަރު އެންޓޯނިއޯ ސަންޗޭޒް އަށް ވަނީ މެޗުގެ ލީޑު ނެގުމަށް ވަރަށް ހުސް ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މަޔޯކާ އިން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހޯސޭ ކޮޕެޓޭ އެވެ. މިއީ އެޓީމުގެ ކެނެޑާ ފޯވާޑް ލޭރިން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މަޔޯކާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ވެސް ދެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން މަޔޯކާ ކުރީގައި އޮވެގެންނެވެ.
މިއީ ލީގުގައި ކުޅުނު 27 މެޗުގެ ތެރެއިިން ޖިރޯނާ ބަލިވި ހަތަރުވަނަ މެޗެވެ. މީގެ ކުރިން މިސީޒަނުގައި ލީގު މެޗެއްގައި އެޓީމު ބަލިވެފައި ވަނީ ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅުނު ދެ މެޗުގެ އިތުރުން އެތްލެޓިކޯ ބިލްބާއޯއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުން މެޗުން އެކަންޏެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 27 މެޗުން މަޔޯކާ އަށް 27 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 15 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ޖިރޯނާ އަށް 27 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ.