ރެއާލް ބެޓިސް އަތުން އެތްލެޓިކޯ މެޑްރިޑަށް އުނދަގޫ މޮޅެއް
ހަސަން ޝަމްއޫން
3/4/2024, 12:00:00 AM
އެތްލެޓިކޯ މެޑްރިޑާއި ރެއާލް ބެޓިސް ވާދަކުރި މެޗުގެ ތެރެއިިން
ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ރެއާލް ބެޓިސް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
އެތްލެޓިކޯ މެޑްރިޑް އެންމެ ފަހުން ކުޅުނު ތިން މެޗުން އެޓީމަށް މޮޅެއް ހޯދިފައިނުވާ އިރު، މިމެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައެވެ. މިލަނޑަކީ ފުރަތަަމަ ހާފުގެ 8 ވަނަ މިނެޓުގައި ބެޓިސްގެ ގޯލު ކީޕަރު ރުއި ސިލްވާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މީގެ އިތުރުން ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ބެޓިސްގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އެތްލެޓިކޯ މެޑްރިޑަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް އެޓީމުގެ ފޯވާޑް އަލްވާރޯ މޮރާޓާ ކުރިއަށް ފޮނުވާލި ޕެނަލްޓީ ބެޓިސްގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ނަމަވެސް ފުރަތަަމަ ހާފުގެ 44 ވަނަ މިނެޓުގައި މޮރާޓާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ރެއާލް ބެޓިސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ވިލިއަމް ކާވަލްހޯ އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 27 މެޗުން އެތްލެޓިކޯ މެޑްރިޑަށް 57 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ރެއާލް ބެޓިސް އިން ލީގުގައި ކުޅުނު 27 މެޗުން ލިބުނު 42 ޕޮއިތންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަ ވަނައިގައެވެ.