ފަހަތުން އަރައި ޓޮޓެންހަމް އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފި
ހަސަން ޝަމްއޫން
3/3/2024, 1:30:00 AM
ޓޮޓެންހަމް އާއި ކްރިސްޓަލް ޕެލަސް ވާދަކުރި މެޗުގެ ތެރެއިިން
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކްރިސްޓަލް ޕެލަސް އިން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ކާމިޔާބުކޮށް 3-1 ގެ ނަތީޖާއަކުން ޓޮޓެންހަމް މޮޅުވެއްޖެ އެވެ.
ޓޮުޓެންހަމް ގެ ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އެޓީމުން މެޗު ޑޮމިނޭޓުކުރި ނަމަވެސް މިހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުހާނެ މާރަގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އަދި މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ޓޮޓެންހަމް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަމަވެސް މިހާފުގައި ކްރިސްޓަލް ޕެލަސް އިން ތަނަވަސްކުރި ހަމައެކަނި ފުރުސަތުގައި އެޓީމުން ވަނީ ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރު އެބެރެޗީ އެޒޭ އެވެ.
ޓޮޓެންހަމް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަނު ފޯވާޑް ޓީމޯ ވާނާ އެވެ. މިއީ އެޓީމުގެ ފޯވާޑް ބްރޭނަން ޖޯންސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ތިން މިނެޓު ފަހުން އެޓީމަށް މިމެޗުގައި ފުރަތަަމަ ފަހަރަށް ލީޑު ހޯދައިދިނީ އާޖެންޓީނާގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އެވެ.
މިއީ އެޓީމުގެ އިގިރޭސި މިޑްފިލްޑަރު ޖޭމްސް މެޑިސަން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިމެޗުގައި ޓޮޓެންހަމް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސައުތު ކޮރެއާގެ ފޯވާޑް ހިއުންގް މިން ސޮން އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު ބްރޭނަން ޖޯންސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 26 މެޗުން ޓޮޓެންހަމް އަށް 50 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި ކްރިސްޓަލް ޕެލަސް އިން ލީގުގައި ކުޅުނު 27 މެޗުން ލިބުނު 28 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 14 ވަނައިގައެވެ.