logoEN
PNC TOP 3
ލީގު ތާވަލްގެ ފުލުގައި އޮތް އަލް ހަޒަމް އިން އަލް ނަސްރު މޮޅުވިޔަނުދީ ހިފަހައްޓައިފި

ލީގު ތާވަލްގެ ފުލުގައި އޮތް އަލް ހަޒަމް އިން އަލް ނަސްރު މޮޅުވިޔަނުދީ ހިފަހައްޓައިފި

ހަސަން ޝަމްއޫން

logo

3/1/2024, 12:00:00 AM

# ސައުދީ ޕްރޮފެޝަނަލް ލީގު# އަލް ހަޒަމް # އަލް ނަސްރު # ބޭރު ދުނިޔޭގެ ކުޅިވަރު

އަލް ނަސްރުގެ ބުރެޒިލް ފޯވާޑް އެންޑަސަން ޓަލިސްކާ މިމެޗުގައި ވަނީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފަ

ސައުދީ ޕްރޮފެޝަނަލް ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ލީގު ތާވަލްގެ ފުލުގައި އޮތް އަލް ހަޒަމް އާއި ދެކޮޅަށް ކުޅުނު މެޗު 4-4 ގެ ނަތީޖާއަކުން އެއްވަރުވެ، ލީގު ތާވަލްގެ އެއްވަނައިގައި އޮތް އަލް ހިލާލް އާއި ދެމެދުގައިވާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު އަލް ނަސްރުން ނަގާލައިފި އެވެ.

PNC MID 2

ސަސްޕެންޝަނުގެ ސަބަބުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ނުލައި އަލް ނަސްރުން ކުޅުނު، މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލް ނަސްރުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ބްރެޒިލްގެ ފޯވާޑް އެންޑަސަން ޓަލިސްކާ އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، އަލް ހަޒަމް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު އަޙްމަދު އަލް މެހެމައިދު އެވެ.

އަލް ނަސްރުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދީ ފަހުހާފުގެ 61 ވަނަ މިނެޓުގައެވެ. އަދި މިލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޓަލިސްކާ އެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން އަލް ހަޒަމް އިން ވަނީ އަނެއްކާވެސް ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ޓަލިސްކާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކުރުމުގެ އިތުރުން ތިންވަނަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ. އަދި އަލް ހަޒަމް އިން ތިންވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ފާއިޒު ސެލެމާނީ އެވެ.

މިމެޗުގައި އަލް ނަސްރުން ހަތަރުވަނަ ފަހަރަށް ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ސެނަގާލް ފޯވާޑް ސަޑިއޯ މާނޭ އެވެ. ނަމަވެސް އިތުރު ވަގުތުގެ 9 ވަނަ މިނެޓުގައި އަލް ހަޒަމް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-4 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މިމެޗުގެ ނަތީޖާއެކު ލީގުގައި ކުޅުނު 22 މެޗުން އަލް ނަސްރަށް 53 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 22 މެޗުން އަލް ހަޒަމަށް ލިބުނު 15 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 17 ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC