ތާރީޚަށް ގެނައި ބަދަލާއިއެކު 560 ޒުވާނުންނަށް އަލަށް ވޯޓުލުމުގެ ހައްޤު ލިބޭ, ރީރަޖިސްޓްރޭޝަނަށް ތިން ދުވަސް ދޭނެ!
އަހުމަދު ޝުރާއު
2/29/2024, 6:04:01 PM
ވޯޓާސް ލިސްޓު
ރައްޔިތުންގެ މަޖިލީސް އިންތިޚާބު ބާއްވާ ތާރީޚަށް ގެނައި ބަދަލާއިއެކު 500 އަށްވުރެ ގިނަ ޒުވާނުންނަށް އަލަށް ވޯޓުލުމުގެ ހައްޤު ލިބިގެންދާކަމަށް އީސީއިން ހާމަކޮށްފި އެވެެ
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިރޭ ކުރި ޓުވީޓެއްގައި ބުނީ އިންތިޚާބު ބާއްވާ ތާރީޚަށް ގެނެވުނު ބަދަލާ ގުޅިގެން 560 ޒުވާނުންނަށް އަލަށް ވޯޓުލުމުގެ ހައްޤު ލިބިގެންދާ ކަމަށެވެ. އަދި ރީ ރަޖިސްޓްރޭޝަންއަށް އިތުރު ތިން ދުވަސް ދިނުމަށް ހަމަޖެހިފައިވާކަންވެސް ހަބީބް ފާހަގަކުރެއްވި އެވެ.
މާޗު 17 ގައި އިންތިހާބު ބާއްވަން ތާވަލުކުރި އިރު އިލެކްޝަން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ވޯޓާސް ލިސްޓުގައި އެދުވަހާއި ހަމައަށް އުމުރުން 18 އަހަރު ފުރޭ މީހުންނާއެކު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމުލަ އަދަދަކީ 284،327 އެވެ. އެއީ 139،165 އަންހެނުން އަދި، 145،162 ފިރިހެނުންނެވެ.
ނަމަވެސް އީސީއިން މިހާރު އެ އިންތިހާބު ބާއްވަން ނިންމާފައިވަނީ އޭޕްރިލް 21 ވަނަ ދުވަހު އެވެ. މިއާއި އެކު އެދުވަހާއި ހަމައަށް 18 ފުރޭ ޒުވާނުން ހިމެނޭހެން ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމުލަ އަދަދު އުޅޭނީ 284,887 ގައި އެވެ.
އީސީއިން އިންތިހާބު ފަސްކުރަން ނިންމީ އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނަށް ފަސް ވަނަ އިސްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަޞްދީޤުކުރެއްވުމާއެކުގައި އެވެ. ބަންޑާރަ ނައިބުގެ ލަފާފުޅާ އެއްގޮތަށް ރައީސް، މިއަދު ބިލު ތަސްދީގުކުރެއްވުމާއެކު، ރޯދަ މަހު އެއްވެސް އިންތިޚާބެއް ބޭއްވުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާނެއެވެ.
ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން އިންތިހާބު ބާއްވަން ތާވަލުކުރީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް އެއީ ރޯދަ މަސް ތެރެ ކަމުން ގިނަ ބަޔަކަށް ވޯޓުލާން ދިޔުމަށް ދަތިތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ އިދިކޮޅުގައި އޮތް އެމްޑީޕީގެ މަޖިލީހުގެ މެޖޯރިޓީގެ ބޭނުން ހިފައި މަޖިލިސް އިންތިހާބު ރޯދައަށް ފަހު ބާއްވާ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް ފާސްކުރި އެވެެ. ނަމަވެސް އެ ބިލް ތަސްދީގުކުރުމަށް ރައީސަށް ފޮނުވުމުން ރައީސް ވަނީ އެބިލް ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާފައި އެވެ. ނަމަވެސް ދެވަނަ ފަހަރަށް އެބިލަށް ބަދަލެއް ނުގެނެސް މަޖިލީހުން ފާސްކުރުމުން އެބިލް ތަސްދީގުކުރަން ރައީސަށް މަޖުބޫރު ވެގެންދިޔައެވެ.