
މޯލްޑިވްސް އެއާއެމްބިއުލާންސް ސާވިސް އަންނަ ހުކުރު ދުވަހު އިފްތިތާހްކުރަނީ
# މޯލްޑިވްސް އެއާއެމްބިއުލާންސް ސާވިސްއެއާއެމްބިއުލާންސް ހިދުމަތަށް ކަސްޓަމައިޒްކުރާ މަތިންދާބޯޓު
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއާއެމްބިއުލާންސްގެ ހިދުމަތް އަންނަ ހުކުރު ދުވަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މޯލްޑިވްސް އެއާއެމްބިއުލާންސް ސާވިސް ނަމުގައި މި ހިދުމަތް ފަށަނީ ދެ ފްލީޓާއި އެކުގައި އެވެ. އެއީ ޑޭޝް 8 މަރުކާގެ މަތިންދާބޯޓަކާއި ޓުވިން އޮޓާ މަރުކާގެ ސީޕްލޭން އެކެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ނ އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މަނަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ފާހަކަފުޅުގައި ވަނީ އަންނަ ހުކުރު ދުވަހު މި ހިދުމަތް ރަސްމީކޮށް ފައްޓަވަން ނިންމާފައިވާކަން ތަކުރާރުކުރައްވާފައި އެވެ. އެގޮތުން އެހިދުމަތް ފެށުމަށް ބޭނުންވާ ކަންކަން ފުރިހަމަ ވެފައިވާކަން ރައީސް ހާމަކުރެއްވި އެވެ.
އަދި މި ހިދުމަތުގައި ސީޕްލޭނެއް ބޭެނުންކުރާނެކަން ވެސް ރައީސް ހާމަކުރެއްވީ އެ ޖަލްސާގައި އެވެ. އެގޮތުން ރައީސް ވިދާޅުވީ މި ހިދުމަތުގައި ބޭނުންކުރާ ސީޕްލޭންވެސް ބޭނުންކުރާނީ އެބޯޓުގެ އެތެރެ ބަދަލުކުރެވިގެން ކަމަށާއި ދުވާލު ކޮންމެ ގަޑިއެއްގައިވެސް ސީޕްލޭން މެދުވެރިކޮށް ކުއްލި އެވެކުއޭޝަންތައް ކުރިޔަށް ގެންދެވޭނެ ކަމަށެވެ. އަދި އެއާއެމްބިއުލާންސެއްގެ ގޮތުގައި ސީޕްލޭނެއް ބޭނުންކުރުމުގެ އެޑްވާންޓޭޖަކީ ކޮންމެ ރަށެއް ކައިރިއަށްވެސް ކުއްލި ހާލަތްތަކުގައި ކައިރިކޮށްލެވުން ކަމަށެވެ.
އަދި މި ހިދުމަތުގައި ބޭނުންކުރާނެ ޑޭޝް 8 މަރުކާގެ ބޯޓަކީވެސް މި ހިދުމަތަށް ސީދާ ކަސްޓަމައިޒް ކުރެވިފައިވާ ބޯޓެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ބޯޓަކީ 24 ގަޑި އިރު ރާއްޖޭގެ ކޮންމެ އެއާޕޯޓަކުންވެސް ބަލިމީހުން އުފުލޭނެ ބޯޓެއް ކަމަށާއި އެ ބޯޓުން ލަންކާއާއި ހިސާބަށްވެސް ބަލި މީހުން ގެންދެެވޭނެ ކަމަށެވެ. އަދި ލަންކާއިން އިތުރަށް ތެޔޮ އަޅައިގެން އެހެން ގައުމުތަކަށްވެސް ދިޔުމަށް އެބޯޓު ބޭނުންކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެއާއެމްބިއުލާންސްގެ ހިދުމަތުގައި ބޭނުންކުރާ ބޯޓުތައް އޮަޕޭޓްކުރާނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއިންނެވެ. އެގޮތުން މިހިދުމަތަށް ކަސްޓަމައިޒްކުރި މަތިންދާބޯޓާއި ސްޕްލޭނަކީވެސް މޯލްޑިވިއަންގެ އޮަޕަރޭޝަންގައި މީގެ ކުރިން ބޭނުންކުރި ދެ ބޯޓެވެ.
އެއާއެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު ޓްރާންސްޕޯޓް މިނިސްޓަރ އަމީން ވަނީ މިއަދު މި ހިދުމަތަށް ކަސްޓަމައިޒްކުރާ ބޯޓު ގެ މަސައްކަތް ބައްލަވާލެއްވުމަށް މޯލްޑިވިއަންގެ ހޭންގާރ އަށް ޒިޔާރަތްކުރައްވާފައި އެވެ.
އަދި މޯލްޑިވިއަންއިން ވަނީ ބޯޓު ކަސްޓަމައިޒްކުރުމުގެ މަސައްކަތުގެ ފޮޓޯތަކެއްވެސް މިއަދު އާންމުކޮށްފައި އެވެ. އެެފޮޓޯތަކުން ފެންނަ ގޮތުގައި ހިދުމަތަށް ފަރުމާކުރާ ބޯޓުގެ ކުރެެހުމަކަށްވެސް ބޭނުންކުރަނީ އެއާއެމްބިއުލާންސަށް ޚާއްސަ ކުރެހުމެކެވެ.
އެއާއެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ގުޅުންހުރި

އެއާ އެމްބިއުލާންސަށް އެެއް އަހަރު: 931 ބަލިމީހުން އުފުލި!

ގިނައީ އެއާއެމްބިއުލާންސް ސީޕްލޭން ބޭނުންނުކުރާ ދުވަސްަތައް, އާންމު ދަތުރުތަކަށް ހުއްދަ ދިނީ ހިދުމަތަށް ބުރޫ ނަރާ ނިޒާމެއްގެ ދަށުން!

ދިވެހިންގެ ފުރަތަމަ އެއާ އެމްބިއުލާންސް: ހިދުމަތް ފަށަން ތައްޔާރަށް!
