ހެލިކޮޕްޓަރު މަރާމާތައް ގެންދަން ބަދަލު ހެލިކޮޕްޓަރަކާއި އެކު އިންޑިއާ މަނަވަރެެއް ބުދަ ދުވަހު އައްޑޫއަށް!
އަހުމަދު ޝުރާއު
2/26/2024, 4:23:01 PM
ހެލިކޮޕްޓަރު މަރާމާތައް އިންޑިއާއަށް ގެންދިޔުމަށް މީގެ ކުރިން ރާއްޖެ އައި މަނަވަރެއް
އައްޑޫގައި މިހާރު ބޭނުންކުރަމުން އަންނަ ސިފައިންގެ ހެލިކޮޕްޓަރު މަރާމާތައް އަނބުރާ އިންޑިއާއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ދިފާއީ ވުޒާރާއިން ބުނެފި އެވެ.
ދިފާއީ ވުޒާރާއިން މިފަދައިން ބުނެފައިމިވަނީ ހެލިކޮޕްޓަރު ދުއްވަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި އެގައުމުގެ ސިވިލިއަނުންގެ ފުރަތަމަ ކްރޫ މިއަދު ރާއްޖެ ގެނައިކަން ހާމަކުރުމަށް ނެރުނު ބަޔާނެއްގައި އެވެ.
އެބަޔާނުގައި ދިފާއީ ވުޒާރާއިން ބުނީ އައްޑޫގައި ތިބި އިންޑިއާ ސިފައިން ބަދަލުވުމުގެ މަރުހަލާ ތަކުގައި ހިމެނިގެން ސ ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކޮޕްޓަރ މަރާމާތައް އިންޑިއާއަށް ގެންދިޔުމަށްޓަކައި މާދަމާ އިން ފެށިގެން އެ ހެލިކޮޕްޓަރުގެ ޓެސްޓް ފްލައިޓުތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މި ހެލިކޮޕްޓަރު ގެންދިޔުމަށާއި އޭގެ ބަދަލުގައި ގެންނަ ހެލިކޮޕްޓަރ ހިފައިން އަންނަ އިންޑިއާގެ މަނަވަރު 28 ފެބްރިއުއަރީ 2024 ވަނަ ދުވަހު އައްޑޫ ސިޓީއަށް އައުމަށް ހަމަޖެހިފައިވާކަންވެސް ބަޔާނުގައި ވަނީ ބުނެފައި އެވެ.
ދިފާއީ ވުޒާރާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހި ރާއްޖޭގައި ގާއިމުކޮށްފައިވާ އިންޑިއާގެ ތިން އޭވިއޭޝަން ޕްލެޓްފޯމުގެ ތެރެއިން އެއް ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން 10 މާޗު 2024 ގެ ކުރިން ފޮނުވާލުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާއި އެއްގޮތަށް, ޑިޕޮލެމެޓިކް ރިވެތި ހަމަތަކުގެ މަތިން ދެގައުމުގެ ދެމެދުގައި ކުރިޔަށް ގެންދެވުނު މަޝްވަރާތަކުގައި އެއްބަސްވެސްވެ, ސ ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކޮޕްޓަރު ދުއްވުމަށް މިހާރު އައްޑޫގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރ އޮޕަޭޓްކުރުމަށް އަންނަ ސިވިލިއަން ކްރޫ މިއަދު ހަވީރު ރާއްޖެ އައިސްފައިވާ ކަމަށެވެ.
އަދި އެޓީމު މިރޭގެ ވަގުތެއްގައި އައްޑޫ ސިޓީއަށް ގޮސް ހޭންޑްއޯވާ / ޓޭކްއޯވާ ގެ ކަންކަން ފުރިހަމަކުރަން ފަށާނެ ކަމަށާއި މިއާއި އެކު ކަނޑައެޅިފައިވާ ތާރީހަށް އައްޑޫގައި ގާއިމުވެތިބި އިންޑިއާ ސިފައިން ދިވެހި ރާއްޖެއިން ފަައިބާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ ފަށާ ޓެސްޓު ދަތުރުތަކާއި އެކު އިންޑިއާގެ ސިވިލިއަނުން ޓޭކްއޯވާގެ މަސައްކަތް ފަށާނެ އެވެ. އަދި މިހާރު އައްޑޫގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން އެނބުރި އިންޑިއާއަށް ދާނީ އަންނަ ބުދަ ދުވަހު އައްޑޫއަށް ބަދަލު ހެލިކޮޕްޓަރާއި އެކު ބަނދަރުކުރާ މަނަވަރުގައި އެވެ.