
އިންޑިއާއަށް ދައްކަން ޖެހޭ ލޯނުގެ ތެރެއިން 50 މިލިއަން ޑޮލަރު މިއަދު ދައްކައިފިން - ރައީސް
# ރާއްޖެ-އިންޑިއާ-
ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިޔަން ޑޮލަރުގެ ލޯނުތަކުގެ ތެރެއިން 50 މިލިޔަން ޑޮލަރު މިއަދު ދައްކާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ހާމަކުރެއްވީ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ކޮންމެ ހޯމަ ދުވަހެއްގައި ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
ސަރުކާރުން ދަރަނި ދެއްކުމުގައި ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން 2019ވަނަ އަހަރު ތިން ފަހަރުމަތިން 150 މިލިޔަން ޑޮލަރުގެ ލޯނު، އިންޑިއާއިން ނެގި ކަމަށާއި އެ ލޯނުތައް ނުދައްކާ ރޯލްއޯވާ ކުރަމުންގޮސް މި ސަރުކާރަށް އެ ދަރަނި ވާރުތަވި ކަމަށާއި އޭގެ ތެރޭގައި މިހާތަނަށް 100 މިލިޔަން ޑޮލަރު ދައްކާ ނިމިފައިވާ ކަމަށެވެ.
މި ލޯނުތަކުގެ ތެރެއިން 50 މިލިޔަން ޑޮލަރު އެމަނިކުފާނުގެ ސަރުކާރުން ދައްކާ ނިންމީ 7 ޖަނަވަރީ 2024ގައި ކަމަށާއި އަދި އަދި މިއަދަށް 50 މިލިޔަން ޑޮލަރު ދައްކަން ހަމަޖެހިފައިވާތީ އެ ފައިސާވެސް މިހާރު ދައްކާ ޚަލާސްކުރައްވާފައިވާކަން ރައީސް ހާމަކުރެއްވި އެވެ.
އަދި ބާކީ 30 މިލިޔަން ޑޮލަރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 17ގައި ދައްކަންޖެހޭ ކަމަށާއި އެ ފައިސާވެސް ދައްކަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
"މިކަންކަން އަޅުގަނޑުމެން މިކުރަނީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި، ރައްޔިތުންގެ ބޮލުން ދަރަނި ފިލުވުމަށްޓަކައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައިވެސް އަޅުގަނޑުމެން މިގޮތަށް ރައްޔިތުންގެ ބޮލުގައި އަޅުވާފައިހުރި މިކަހަލަ ބޮޑެތި ދަރަނިތަކުން ރައްޔިޔުން ސަލާމަތް ކުރަމުން ގެންދާނަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ފާއިތުވެދިޔަ 40 ދުވަހުގެ ތެރޭގައި ސުކޫކާއި ސްވޮޕް އަދި ލޯނުތައް ހިމެނޭހެން ރާއްޖޭން ދައްކަންޖެހޭ 974 މިލިޔަން ޑޮލަރު ދައްކާ ޚަލާސްކޮށްފައިވެއެވެ.
ގުޅުންހުރި

އިންޑިއާއަށް ދައްކަން ޖެހޭ ލޯނުގެ ތެރެއިން 50 މިލިއަން ޑޮލަރު މިއަދު ދައްކައިފިން - ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

ހަނިމާދޫ އެއާޕޯޓުގެ ހުޅުވުމުގެ ރަސްމިއްޔާތައް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާއްޖެ ވަޑައިގެންފި




