ހެލިކޮޕްޓަރު ދުއްވަން ގެންނަ އިންޑިއާގެ ސިވިލިއަން ކުރޫގެ ފުރަތަމަ ސިލިވިއަނުން ރާއްޖެ އަތުވެއްޖެ
އަހުމަދު ޝުރާއު
2/26/2024, 4:02:01 PM
ރާއްޖޭގައި ބޭނުންކުރާ ހެލިކޮޕްޓަރ
ރާއްޖޭގައި އިންޑިއާ ސިފައިން އޮޕަރޭޓްކުރަމުން އައި ހެލިކޮޕްޓަރު ދުއްވަން އިންޑިއާ ސިފައިންެގެ ބަދަލުގައި ގެންނަ އިންޑިއާގެ ސިވިލިއަން ކުރޫގެ ފުރަތަމަ ސިލިވިއަނުން ރާއްޖެ އަތުވެއްޖެ އެވެ.
މިކަން ހާމަކުރީ ދާދި ދެންމެ އަކު ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި އެވެ.
ދިފާއީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖެގައި ގާއިމުވެގެން ތިބުމަކީ ތިވެހިން އެދޭކަމެއް ނޫންކަން ދިވެހި ރައްޔިތުންގެ ސާފު އަގުލަބިއްޔަތުން ކަނޑައަޅާފައިވާތީ , ދިވެހި ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަަށާއި, ދިވެހި ރާއްޖޭގައި ގާއިމުކޮށްފައިވާ އިންޑިއާގެ ތިން އޭވިއޭޝަން ޕްލެޓްފޯމުގެ ތެރެއިން އެއް ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން 10 މާޗު 2024 ގެ ކުރިން ފޮނުވާލުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާއި އެއްގޮތަށް, ޑިޕޮލެމެޓިކް ރިވެތި ހަމަތަކުގެ މަތިން ދެގައުމުގެ ދެމެދުގައި ކުރިޔަށް ގެންދެވުނު މަޝްވަރާތަކުގައި އެއްބަސްވެސްވެ, ސ ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކޮޕްޓަރު ދުއްވުމަށް މިހާރު އައްޑޫގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރ އޮޕަޭޓްކުރުމަށް އަންނަ ސިވިލިއަން ކްރޫ މިއަދު ހަވީރު ރާއްޖެ އައިސްފައިވާ ކަމަށެވެ.
މި ޓީމު މިރޭގެ ވަގުތެއްގައި އައްޑޫ ސިޓީއަށް ގޮސް ހޭންޑްއޯވާ / ޓޭކްއޯވާ ގެ ކަންކަން ފުރިހަމަކުރަން ފަށާނެ ކަމަށާއި މިއާއި އެކު ކަނޑައެޅިފައިވާ ތާރީހަށް އައްޑޫގައި ގާއިމުވެތިބި އިންޑިއާ ސިފައިން ދިވެހި ރާއްޖެއިން ފަައިބާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް, ލ ކައްދޫ އާއި ހދ ހަނިމާދޫގައި ސްޓޭޝަން ކޮށްފައިވާ ދެ ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން 10 މެއި 2024 ގެ ކުރިން ފޮނުވާލުމުގެ ކަންކަން އޮމާންކަމާއި އެކު ފުރިހަމަކޮށް ނިންމުމަށްޓަކައި ފުރިހަމަކުރަންޖެހޭ މަޝްވަރާތަކާއި ކުރަން ޖެހޭ ކަންކަން ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލު ތަކުގެ ތެރެއިން ސަރުކާރުން ކުރަމުން ދާ ކަމަށާއި ސަރުކާރުގެ އަމާޒަކީ ދިވެހި ރާއްޖޭގެ ސިޔާދަތާއި, ދިވެހިންގެ މިނިވަންކަމާއި އަމިއްލަ ވަންތަކަށް ހިމާޔާތްކިށް ރައްކާތެރިކޮށް ކުރެވޭނެހެން ރަހުމަތްތެރި ގައުމުތަކާއި އެކު ދިފާއި އަދި ސަލާމަތީ ގުޅުންތައް ބަދަހިކޮށް ދެމެހުެއްޓުން ކަމަށެވެ.