ސަވާދީއްތަ ދަތުރަށް ތައްޔާރުވުން
ލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން، އާރުކާޓީން (ލޯކަލް ޓުއަރ ގައިޑް) ތަމްރީން ކުރުމަށް ހިންގި ޕްރޮގްރާމު ނިންމާލައިފި އެވެ.
އެމްއައިޓީޑީސީއިން މިއަދު ބުނީ 10 ދުވަހުގެ މި ތަމްރީން ޕްރޮގްރާމަކީ، ސަވާދީއްތަ ދަތުރަށް ތައްޔާރުވުމުގެ ގޮތުން، އެދަތުރުގައި ޒިޔާރަތްކުރާ ރަށްރަށުގައި އާރުކާޓީން ތަމްރީނުކޮށް، ޒިޔާރަތް ކުރާ ފަތުރުވެރިންނަށް، ރަށްރަށުގެ ސަގާފަތާއި ތަރިކަ އަދި ރަށާއިބެހޭ ފުރިހަމަ މަޢުލޫމާތު ދިނުމުގެ މަޤްސަދުގައި ހިންގި ޕްރޮގްރާމެއް ކަމަށެވެ.
އާރުކާޓީން ތަމްރީން ކުރުމުގެ މި ޕްރޮގްރާމަކީ އެމްއައިޓީޑީސީ އިން އިސްނަގައިގެން، އެފަރާތުގެ އެދިލެއްވުމަކަށް، މޯލްޑިވްސް ޕޮލިޓެކްނިކުން ހިލޭ ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ. އަދި މި ކޯސް ފަރުމާކުރެވިފައިވަނީ އެމްއައިޓީޑީސީ އިން ކުރިޔަށް ގެންދާ ސަވާދީއްތަ ދަތުރުގައި ބަނދަރުކުރެވޭ ރަށްރަށަށް ޒިޔާރަތް ކުރައްވާ ފަތުރުވެރިންނަށް، ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަދަ ގޮތަކަށެވެ.
ސަވާދީއްތަ ދަތުރަކީ އެމްއައިޓީޑީސީގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޔޮޓް ރެލީއެކެވެ. 2024 ވަނަ އަހަރުގެ ފެބްރުއަރީ 10 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 29 އަށް ދެމިގެންދާ މި ރެލީގައި ރާއްޖޭގެ ދެކުނުގެ ރަށްތަކުން ކ އަތޮޅުން ފެށިގެން ސ އަތޮޅުގެ ރަށްތަކާއި ހަމައަށް، މީހުން ދިރިއުޅޭ 9 ރަށަކާއި 1 ފަޅުރަށަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކ. ކުޑަގިރިން އިން ވ. ފުލިދޫ. އެއަށް ފަހު، މ.މުލިން، ލ. ގަމުން، ލ. ފޮނަދޫއިން، ލ. ބަރެސްދޫއިން، ގއ. ކޮލަމާފުށިން، ގދ. ހޯންޑެއްދޫއިން، ސ. ގަމުން، ސ. ހިތަދޫއަށެވެ. މި ދަތުރުގައި، ދިވެހިންގެ އަމާންއޮމާން އެކުވެރި ރަށްފުށު ދިރިއުޅުމާއި، ރާއްޖޭގެ ރިވެތި ކަނޑުއަޑީގެ މަންޒަރު ބަލައިލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ ކަމަށް އެމްއައިޓީޑީސީއިން ބުނެއެވެ.
ސަވާދީއްތަ ދަތުރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް، މިދަތުރަށް ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކުގެ ބޮޑު ތަރުހީބެއް ލިބެމުން އަންނާނެ ދަތުރެކެވެ. އަދި މި ތަމްރީނު ޕްރޮގްރާމްގެ ސަބަބުން ގިނަ ކުދިންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީންވެގެން ދާނެކަމަށް އެމްއައިޓީޑީސީއިން ބުނެއެވެ.
މިތަމްރީނު ޕްރޮގްރާމްގައި މުދައްރިސުންގެ ގޮތުގައި ކިޔަވައިދެއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް އާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ގެ ތަޖުރިބާކާރުންނެވެ.