ޓެއިލާ އަދި ގޯމޭޒްގެ ލަނޑުތަކާއެކު އިންޓަ މިއާމީ އަށް ފަސޭހަ މޮޅެއް
ހަސަން ޝަމްއޫން
2/22/2024, 5:49:18 AM
އިންޓަ މިއާމީގެ ފުރަތަަމަ އެގާރަ މެޗުގެ ކުރިން ފޮޓޯއަކަށް ހުއްޓިގެން
އެމެރިކާގެ މޭޖާ ލީގު ސޮކާ 2024 ގެ ފުރަތަަމަ މެޗުގައި މިއަދު ހެނދުނު އަމިއްލަ ދަނޑުގައި، 2-0 ގެ ނަތީޖާއަކުން ރިއަލް ސޯލްޓް ލޭކު ބަލިކޮށް އިންޓަ މިއާމީން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރީ އިންޓަ މިއާމީ އިންނެވެ. އަދި މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަަމަ ހާފުގެ 39 ވަނަ މިނެޓުގައި އެޓީމަށް މެޗުގެ ލީޑު ހޯދައިދިނީ ފިންލޭންޑްގެ މިޑްފީލްޑަރު ރޮބަޓް ޓެއިލާ އެވެ.
މިއީ އެޓީމުގެ ކެޕްޓަން ލަޔޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އިންޓަ މިއާމީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ރިއަލް ސޯލްޓް ލޭކުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެޓީމަށް ލިބުނު ޕެނަލްޓީއަކުން ބޭނުން ނުކުރެވި މެޗު ނިމެން ދަނިކޮށް އިންޓަ މިއާމީން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ.
މިލަނޑު ދެވަނަ ހާފުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ޑިއޭގޯ ގޯމޭޒް އެވެ. މިއީ މިސީޒަނުގައި އެޓީމާއި އަލަށް ގުޅުނު އުރުގުއާއީގެ ތަޖުރިބާކާރު ފޯވާޑް ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އިންޓަ މިއާމީ ކުރީގައި އޮވެގެންނެވެ.