ބްރެންޓްފޯޑް އަތުން މޮޅުވެ ޗެންޕިއަން ސިޓީ އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފި
ހަސަން ޝަމްއޫން
2/21/2024, 6:30:00 AM
މެންޗެސްޓާ ސިޓީގެ ފޯވާޑް އެރްލިންގް ހާލަންޑް(ކ) ބްރެންޓްފޯޑް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
އިގިރޭސި ޕްރެމިއާ ލީގުގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ޗެންޕިއަން މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި މެންޗެސްޓާ ސިޓީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނޯވޭގެ ފޯވާޑް އެރްލިންގް ހާލަންޑް އެވެ.
މިއީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ޖޫލިއަން އަލްވަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅައާއެކު ކުރިއަށް އަރައި ބްރެންޓްފޯޑްގެ ޕެނަލްޓީ އޭރިއާ ބޭރުން ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މީގެ އިތުރުން މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 20 މެޗުގައި އޭނާ ކާމިޔާބުކުރި 17 ވަނަ ލަނޑެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 25 މެޗުން މެންޗެސްޓާ ސިޓީއަށް 56 ޕޮއިންޓް ލިބިފައިވާއިރު، ލީގު ތާވަލްގެ އެއްވަނައިގައި މިވަގުތު އޮތީ 25 މެޗުން 57 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލެވެ. އަދި މިމެޗުން ބަލިވި ބްރެންޓްފޯޑް އިން ލީގުގައި ކުޅުނު 25 މެޗުން ލިބުނު 25 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 14 ވަނައިގައެވެ.