ބިލްބާއޯ އަތުން ބަލިވެ، ޖިރޯނާ އިން ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ނަގާލައިފި
ހަސަން ޝަމްއޫން
2/19/2024, 10:29:58 PM
އެތްލެޓިކް ބިލްބާއޯ އާއި ޖިރޯނާ ވާދަކުރި މެޗުގެ ތެރެއިިން
ސްޕެނިޝް ލަލީގާގައި ހޯމަ ދުވަހުގެ ރޭ ރަށުން ބޭރުގައި 3-2 ގެ ނަތީޖާއަކުން ބިލްބާއޯ އަތުން ބަލިވެ، އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި ދެމެދުގައިވާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ޖިރޯނާ އިން ނަގާލައިފި އެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މެޗު ފެށިގެން ދެވަނަ މިނެޓުގައި ބިލްބާއޯ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް އެލެކްސް ބެރެއެންގަރ އެވެ.
މިއީ ޖިރޯނާގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ބޯޅައާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ އިނާކީ ވިލިއަމްސް އަށް ވަނީ ލީޑު ފުޅާކުރުމަށް ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ.
މީިގެ އިތުރުން ފުރަތަަމަ ހާފުގެ 24 ވަނަ މިނެޓުގައި ޖިރޯނާގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ފުރުސަތެއްގައި ވިލިއަމްސް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބިލްބާއޯ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފު ވަރުގަދަކޮށް ފެށީ ޖިރޯނާ އިންނެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔުކުރެއިންގެ މިޑްފީލްޑަރު ވިކްޓަރ ސިގަންކޯ އެވެ.
ނަމަވެސް އޭގެ ހަތް މިނެޓު ފަހުން ބިލްބާއޯ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. އަދި އެޓީމުގެ މިލަނޑު ވެސް ކާމިޔާބުކޮށްދިނީ ފޯވާޑް އެލެކްސް ބެރެއެންގަރ އެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން އިނާކީ ވިލިއަމްސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
ޖިރޯނާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު އެރިކް ގާސިއާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން އެތްލެޓިކް ބިލްބާއޯ ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 25 މެޗުން ބިލްބާއޯ އަށް 49 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޖިރޯނާ އިން ލީގުގައި ކުޅުނު 25 މެޗުން ލިބުނު 56 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ.