ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑް ޗެންޕިއަންކަން ހޯދައިފި
ހަސަން ޝަމްއޫން
2/19/2024, 7:20:08 AM
ރެއާލް މެޑްރިޑްގެ ކުޅުންތެރިން ބާސެލޯނާ ބަލިކުރުމަށްފަހު އުފާފާޅުކުރަނީ
ސްޕެނިޝް ކަޕް ބާސްކެޓްބޯލް މުބާރާތުގެ ފައިނަލްގައި ޔޫރަޕުގެ ގަދަ ބާރެއްގެ ގޮތުގައި އޮތް ބާސެލޯނާ 85-96 ގެ ނަތީޖާއަކުން ބަލިކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ މިމުބާރާތުގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑުން ހޯދި 29 ވަނަ ފަހަރެވެ. އަދި މިއީ 2020 ވަނަ އަހަރުގެ ފަހުން އެޓީމުން މި މުބާރާތް ކާމިޔާބުކުރި ފުރަތަަމަ ފަހަރެވެ.
ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަަމަ ކުއާޓާ ނިމުނީ 19-19 އިން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި ދެވަނަ ކުއާޓާގައި ބާސެލޯނާ އިން 26 ޕޮއިންޓް ހޯދިއިރު، ރެއާލް މެޑްރިޑަށް ހޯދުނީ 24 ޕޮއިންޓެވެ. ނަމަވެސް މެޗުގެ ތިންވަނަ ކުއާޓާގައި ރެއާލް މެޑްރިޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް 23 ޕޮއިންޓް ހޯދާފައެވެ. އަދި މި ކުއާޓާގައި ބާސެލޯނާ އަށް ހޯދުނީ 18 ޕޮއިންޓެވެ.
މެޗުގެ ހަތަރުވަނަ ކުއާޓާގައި ރެއާލް މެޑްރިޑުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، މިކުއާޓާގައި ބާސެލޯނާ އިން 18 ޕޮއިންޓް ހޯދި އިރު، ރެއާލް މެޑްރިޑުން ވަނީ 30 ޕޮއިންޓް ހޯދާފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 85-96 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މިމެޗުގައި ރެއާލް މެޑްރިޑްގެ ގެބްރިއެލް ޑެކް، މޫސާ ޒަނާން އަދި ވިންސެންޓް ޕޮއިރިއާ މިއިން ކޮންމެ ކުޅުންތެރިއެއް 13 ޕޮއިންޓް ހޯދިއިރު، ބާސެލޯނާ އިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 14 ޕޮއިންޓް ހޯދި ޖަބަރީ ޕާކަރ އެވެ.