2015 ވަނަ އަހަރުގެ ފަހުން ފުރަތަަމަ ފަހަރަށް ބަޔާން މިއުނިކް ޖެހިޖެހިގެން ތިން މެޗުން ބަލިވެއްޖެ
ހަސަން ޝަމްއޫން
2/19/2024, 3:00:00 AM
ބަޔާން މިއުނިކާއި ބޯކަމް ވާދަކުރި މެޗުގެ ތެރެއިިން
ޖަރުމަނު ބުންޑަސްލީގާގައި އާދީއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި 3-2 ގެ ނަތީޖާއަކުން ބޯކަމް އަތުން ބަލިވެ، ލީގު ތާވަލްގެ އެއްވަނާގައި އޮތް ބަޔާން ލެވަކޫސަން އާ ދެމެދުގައިވާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ބަޔާން މިއުނިކުން ނަގާލައިފި އެވެ.
މިދެޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ބަޔާން މިއުނިކް މޮޅުވެފައި ވާއިރު މި ތިން މެޗުގައި ބަޔާން މިއުނިކުން ވަނީ ބައިކޮޅަށް ލަނޑެއް ވަނަނުދީ 17 ލަނޑު ކާމިޔާބުކޮށްފައެވެ. ނަމަވެސް ބަޔާން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާ އިރު މިއީ 2015 ވަނަ އަހަރުގެ ފަހުން އެޓީމު ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ބަޔާން މިއުނިކުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން މިޑްފިލްޑަރު ޖަމާލް މުސިއާލާ އެވެ.
ބޯކަމް އިން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަޕާން ފޯވާޑް ޓަކުމާ އަސާނޯ އެވެ. މިއީ އެޓީމުގެ ފްރާންސް މިޑްފީލްޑަރު އެންތަނީ ލޮސިލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުން މިމެޗުގައި ފުރަތަަމަ ފަހަރަށް ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ކެވެން ޝްލޮޓާބެކް އެވެ.
މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި މިޑްފީލްޑަރު ކެވިން ސްޓޯގާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބޯކަމް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފު ވަރުގަދަކޮށް ފެށީ ބަޔާން މިއުނިކުން ނެވެ. ނަމަވެސް އެޓީމަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައި އެޓީމުގެ ފްރާންސް ޑިފެންޑަރު ޑަޔޮޓް އަޕަމެކާނޯ ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އަދި މިފައުލާއި ގުޅިގެން ބޯކަމް އަށް ލިބުނު ޕެނަލްޓީގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ އޮސްޓްރިއާގެ މިޑްފީލްޑަރު ކެވިން ސްޓޯގާ އެވެ.
ބަޔާން މިއުނިކުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި ފޯވާޑް ހެރީ ކޭން އެވެ. މިއީ ލީގުގައި ކުޅުނު 22 މެޗުގައި އޭނާ ކާމިޔާބުކުރި 25 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ބޯކަމް ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 22 މެޗުން ބޯކަމް އަށް 25 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 11 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ބަޔާން މިއުނިކުން ލީގުގައި ކުޅުނު 22 މެޗުން ލިބުނު 50 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ.