ހޮއިލަންޑް ރެކޯޑް ހެދި މެޗުގައި، ލޫޓަން އަތުން ޔުނައިޓެޑަށް އުނދަގޫ މޮޅެއް
ހަސަން ޝަމްއޫން
2/19/2024, 2:00:00 AM
ރަސްމުސް ހޮއިލަންޑް ލޫޓަން އާއި ދެކޮޅަށް ކުޅެނީ
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ލޫޓަން އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފި އެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މެޗު ފެށިގެން ފުރަތަަމަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެންމާކްގެ ފޯވާޑް ރަސްމުސް ހޮއިލަންޑް އެވެ. އަދި އޭގެ ހަމިނެޓު ފަހުން ހޮއިލަންޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ އެޓީމުގެ އާޖެންޓީނާ ފޯވާޑް އަލްޖެންޑްރޯ ގަނާޗޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 6 މެޗުގައި ހޮއިލަންޑް ކާމިޔާބުކުރި 7 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު ޕްރެމިއާ ލީގު ތާރީޚްގައި ޖެހިޖެހިގެން ހަ މެޗުގައި ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޮއިލަންޑަށް ވަނީ ލިބިފަ އެވެ.
ނަމަވެސް އޭގެ 7 މިނެޓް ފަހުން ލޫޓަން އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިގިރޭސި ފޯވާޑް ކާލްޓަން މޮރިސް އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 25 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 44 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 6 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ލޫޓަން އިން ލީގުގައި ކުޅުނު 25 މެޗުން ލިބުނު 25 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 14 ވަނައިގައެވެ.