
އަމިއްލަ ދަނޑުގައި ރަޔޯ ވަޔޮކާނޯ އިން ރެއާލް މެޑްރިޑް މޮޅުވިޔަނުދީ ހިފަހައްޓައިފި
# ރެއާލް މެޑްރިޑް# ބޭރު ދުނިޔޭގެ ކުޅިވަރު# ސްޕެނިޝް ލަ ލީގާ# ރަޔޯ ވަޔޮކާނޯހޯސެލޫ ރަޔޯ ވަޔޮކާނޯ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި 1-1 ގެ ނަތީޖާއަކުން ރަޔޯ ވަޔޮކާނޯއާ އެއްވަރުވެ، ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު ރެއާލް މެޑްރިޑުން ނަގާލައިފި އެވެ.

މިދެޓީމު ރެއާލް މެޑްރިޑް ދަނޑުގައި ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައި ވާއިރު މިމެޗަށް ރެއާލް މެޑްރިޑުން ނުކުތްއިރު، އެޓީމުގެ އެއް ނަންބަރު ކީޕަރު ކޯޓުއާ، ޑިފެންޑަރު މިލީޓޯ، އަލަބާ، ރުޑިގާގެ އިތުރުން މިޑްފީލްޑަރު ބެލިންހަމް އަނިޔާގައި ތިބިއިރު، ޑިފެންޑަރު މެންޑީ ވަނީ ކާޑު ހަމަވުމުގެ ސަބަބުން މިމެޗަށް ސަސްޕެންޑް ވެފައެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ރެއާލް މެޑްރިޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ހޯސެލޫ އެވެ. މިއީ އެޓީމުގެ އުރުގުއާއީ މިޑްފީލްޑަރު ފެޑްރިކޯ ވަލްވޭޑޭ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ރަޔޯ ވަޔޮކާނޯ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ތަޖުރިބާކާރު ފޯވާޑް ރައުލް ދި ތޯމަސް އެވެ. މިއީ ރެއާލްގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ އެޑްއާޑޯ ކަމަވިންގާ އަތުގައި ބޯޅަ ޖެހުމުން ރެފްރީ އެޓީމަށް ދިން ޕެނަލްޓީއެކެވެ.
މީގެ އިތުރުން ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ރަޔޯ ވަޔޮކާނޯގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހުސް ފުރުސަތުގައި ރެއާލްގެ މިޑްފީލްޑަރު ފެޑްރިކޯ ވަލްވޭޑޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުހާނެ މާރަގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.
މީގެ އިތުރުން ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބޯޅަ ނެތިސް ރަޔޯ ވަޔޮކާނޯގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ރެއާލްގެ ޑިފެންޑަރު ކަވަހާލް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއާއެކު ލީގުގައި ކުޅުނު 25 މެޗުން ރެއާލް މެޑްރިޑަށް 62 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ޖިރޯނާ އަށް 24 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 25 މެޗުން ރަޔޯ ވަޔޮކާނޯ އަށް 25 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 14 ވަނައިގައެވެ.