logoEN
WAMCO TOP 1
އިސްރަށްވެހިންގެ ފުރަތަމަ އިޖުތިމާއީ މަރުކަޒު ހުޅުވައިފި

އިސްރަށްވެހިންގެ ފުރަތަމަ އިޖުތިމާއީ މަރުކަޒު ހުޅުވައިފި

އަލްފާ އަލީ

logo

2/17/2024, 12:47:19 PM

# އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒު

-

އިސްރަށްވެހިންގެ ދައުރު ޖުތަމަޢުގައި ފުޅާކުރުމުގެ ގޮތުން ތަރައްޤީކުރި ފުރަތަމަ "އިސްރަށްވެހިންގެ ނާދީ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނު އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފިއެވެ.

THE TRAVELLER AD

"އިސްރަށްވެހިންގެ ނާދީ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ ވަޒީރުންނާއި، އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

"އިސްރަށްވެހިންގެ ނާދީ" ނަމުގައި ހުޅުވި އެތަން ހުންނަނީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައެވެ.

އިސްރަށްވެހީންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީން ކޮށްދިނުމަށްޓަކައި ތަފާތު ޚިދުމަތްތައް ހިމެނޭގޮތަށް ރާއްޖޭގެ އުތުރާއި ދެކުނާއި އަދި މެދުރާއްޖެތެރޭގައި މަރުކަޒުތަކެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަރުކަޒުން ހަފްތާއަކު 3 ދުވަހު ކަސްރަތު ޕްރޮގްރާމެއް ހިންގުމާއި ހަފްތާއަކު އެއް ފަހަރު ކޯޗުން އައްޔަން ކޮށްގެން ކެރަމް، ޗެސް، ޓޭބަލް ޓެނިސްފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ތައް ކުޅިވަރާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާގޮތަށް ހަމަޖައްސާފައިވާކަމަށެވެ. އަދި އެ ވުޒާރާއިން އިސްރަށްވެހިންގެ ތެރެއިން ކޯޗުންގެ ތަމްރީން ފުރިހަމަ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ފަހިކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ނަފްސާނީ، ޖިސްމާނީ އަދި މާލީ ދުޅަހެޔޮކަން ތަރައްޤީ ކުރުމަށްޓަކައި އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އިސްރަށްވެހިންގެ ނާދީގައި ހައިޑްރޯ ތެރެޕީ، އިށީންދެގެން އިނދެ ކުރާ ކަސްރަތު އަދި ބެލެންސް ޓްރެއިނިން ކްލާސްތައް އައިޖީއެމްއެޗް އިން ގެންދިޔުމަށް ނިންމާފައިވާއިރު އެންސްޕާއަށް ހުށަހަޅަން ބޭނުންވާ ފޯމުތައް ފުރިހަމަކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެޚިދުމަތް ފޯރުކޮށްދިނުމަށް "ހެލްޕް ޑެސްކެއް" ވަނީ ޤާއިމްކޮށްފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ އިސްރަށްވެހިންގެ ނާދީގައި 'އޭޖްކެއަރ މޯލްޑިވްސް' އިން ކޮންމެ 3 މަހަކުން އެއްފަހަރު އިސްރަށްވެހިންގެ މެދުގައި ޚިޔާލުފާޅުކުރުމާއި، ތަޖުރިބާ ޚިއްސާކުރުމަށް އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި ހެލްތް ސްކްރީނިންގ ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

އެކިއެކި ވުޒާރާ ތަކުންނާއި އެސޯސިއޭޝަންތަކުން އިސްރަށްވެހިންގެ ނާދީގައި ތަފާތު ޙިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާއިރު މި ޙިދުމަތްތަކުގެ ސަބަބުން "އިސްރަށްވެހިންގެ ނާދީ" އަކީ ރައްޔިތުންނަށް ބޭނުންތެރި ޙިދުމަތްތަކެއް ލިބިގެންދާނެ ތަނަކަށް ވެގެންދިއުމަކީ އަމާޒެއްކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވި އެވެ.

ކޮމެންޓް
ފަހުގެ
HDC