
ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" ގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި
# އެމްޓީސީސީ# އިސްރަށްވެހިން# ހެލްތު މިނިސްޓްރީ# އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒު# އިސްރަށްވެހިންގެ ނާދީފޮޓޯ: މިނިސްޓްރީ
ކ. ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ދެމެދު މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވުޒާރާގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އިސްމާއީލެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ. ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މި ކަމަށްޓަކައި އާއިލާއާއި ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ މި މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތަކުގެ އިތުރުން، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކަކާއެކު 100 މީހުންގެ ޖާގައިގެ މަރުކަޒެކެވެ. މި މަޝްރޫޢުގެ މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.
ރާއްޖޭގެ ތިން ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭނެ "އޭޖްޑް ކެއަރ ސެންޓަރު" ތަކެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން، ކ.ތުލުސްދޫގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ މިއަދު ހަވާލުކުރެވިފައިވާއިރު، 25 ޖޫން 2026 ވަނަ ދުވަހު ށ. ފުނަދޫ "އޭޖްޑް ކެއަރ ސެންޓަރު" ގެ މަސައްކަތް ވެސް ވަނީ އެމްޓީސީސީއާ ހަވާލުކުރެވިފައެވެ. މީގެ އިތުރުން، އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރާ "އޭޖްޑް ކެއަރ ސެންޓަރު" (ދެކުނުގެ މަރުކަޒު) ގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ލިޓަސް އޮޓޯމޮބައިލްސްއާ ވަނީ ހަވާލުކުރެވިފައެވެ.
މި މަރުކަޒުތަކުގެ މައިގަނޑު މަގުސަދަކީ، އިސްރަށްވެހިންގެ ތެރެއިން އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އިތުރުން، ޞިއްޙީ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ. މި ތަންތަނުގައި މެޑިކަލް ވޯޑު، ފިޒިއޮތެރަޕީ ރޫމް، ކޮންސަލްޓޭޝަން ރޫމް، ލައިބްރަރީ އަދި އެކި ޕްރޮގްރާމްތައް ހިންގޭނެ މަލްޓި-ޕާޕަސް ހޯލުތައް ހިމެނޭނެއެވެ.
ދިވެހިރާއްޖޭގެ އާބާދީ ދޮށީ އުމުރަށް މިސްރާބު ޖަހާފައިވާއިރު، ދުޅަހެޔޮ ދޮށީ އުމުރުގެ އާބާދީއަކަށް މަގުފަހިވާނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެކެވެ. ސަރުކާރުގެ އަމާޒަކީ އިސްރަށްވެހިންނަކީ މުޖުތަމައުގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަނެ، އެއްވެސް ފަރުދަކު ބާކީނުވާނެހެން، އެބޭފުޅުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކުރުމެވެ.
ގުޅުންހުރި

ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" ގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި

47 މިލިއަން ރުފިޔާގެ ބިލެތްފަހި ބަނދަރު މަޝްރޫޢު ނިމުމަކާ ގާތަށް
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން: މަޝްރޫއުގެ ފުރަތަމަ ފޭސް ގެ ހުރިހާ މަސައްކަތެއްވެސް ނިމުމަކާއި ގާތަށް!




