ގެޓަފޭ އިން ވިލަރެއާލް މޮޅުވިޔަނުދީ ހިފަހައްޓައިފި
ހަސަން ޝަމްއޫން
2/17/2024, 1:00:00 AM
އަލްބާޓޯ މޮރޭނޯ ގެޓަފޭ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ސްޕެނިޝް ލަލީގާގައި ހުކުރު ދުވަހުގެ ރޭ ރަށުން ބޭރުގައި ގެޓަފޭ އިން ވިލަރެއާލް އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ވިލަރެއާލް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، ގެޓަފޭ އިން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާބިއާގެ މިޑްފީލްޑަރު ނެމަންޖާ މަކްސިމޮވިޗް އެވެ. މިއީ އެޓީމުގެ ކުޅުންތެރިއަކު ފޮނުވާލި ބާރު ހަމަލާއެއް ވިލަރެއާލްގެ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ގެޓަފޭ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވިލަރެއާލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޕެނިޝް ޑިފެންޑަރު އަލްބާޓޯ މޮރޭނޯ އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއާއެކު 25 މެޗުން ގެޓަފޭއަށް 34 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 10 ވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 25 މެޗުން ލިބުނު 26 ޕޮއިންޓާއެކު ވިލަރެއާލް މިވަގުތު އޮތީ ލީގު ތާވަލްގެ 13 ވަނައިގައެވެ.