logoEN
cocacola
ރަށުން ބޭރުގައި ސެޕަހާން ބަލިކޮށް އަލް ހިލާލް އިން ކުއާޓާގެ ފުރުސަތު ބޮޑުކޮށްފި

ރަށުން ބޭރުގައި ސެޕަހާން ބަލިކޮށް އަލް ހިލާލް އިން ކުއާޓާގެ ފުރުސަތު ބޮޑުކޮށްފި

ހަސަން ޝަމްއޫން

logo

2/16/2024, 5:00:00 AM

# އޭއެފްސީ ޗެންޕިއަންސް ލީގު # ސެޕަހާން # އަލް ހިލާލް # ބޭރު ދުނިޔޭގެ ކުޅިވަރު

ސެޕަހާން ކޮޅަށް ލަނޑުޖެހުމަށް ފަހު އަލް ހިލާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ

އޭއެފްސީ ޗެންޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ފުރަތަަމަ ލެގުގައި ބުރާސްފަތި ދުވަހުގެ ރޭ އީރާންގެ ސެޕަހާން އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ހިލާލުން މުބާރާތްގެ ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އަލް ހިލާލް އިން މެޗު ޑޮމިނޭޓުކުރި ނަމަވެސް މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ސެޕަހާން އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ރަމީން ރަޒޭއަން އެވެ. މިއީ އެޓީމުގެ ޑިފެންޑަރު މުހައްމަދު ދަނޭޝްގަރު ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން މިހާފުގައި އަލް ހިލާލް އިން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ސެޕަހާން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އަލް ހިލާލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް މަލްކޮމް އެވެ.

މިމެޗުގައި ސެޕަހާން އަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި އެޓީމުން ޑިފެންޑަރު މުހައްމަދު ދަނޭޝްގަރު ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.

އަލް ހިލާލް އިން މިމެޗުގައި ފުރަތަަމަ ފަހަރަށް ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާބިއާގެ ފޯވާޑް އެލެގްޒެންޑަރ މިޓްރޮވިޗް އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އިތުވަގުތުގެ 7 ވަނަ މިނެޓުގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ އަބްދުﷲ އަކް ހަމްދާން އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.

މިދެޓީމު މެދުގައި ކުޅެވޭ ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގެ މެޗު އަލް ހިލާލް ގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 23:00 ގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ