އަމިއްލަ ދަނޑުގައި ލާޒިއޯ އިން ވަރުގަދަ ބަޔާން މިއުނިކް ބަލިކޮށްފި
ހަސަން ޝަމްއޫން
2/15/2024, 2:00:00 AM
ބަޔާން މިއުނިކްގެ އިގިރޭސި ފޯވާޑް ހެރީ ކޭން
ޔުއެފާ ޗެމްޕިއަންސްލީގު ރައުންޑް އޮފް 16 ގެ ފުރަތަަމަ ލެގުގައި ޖަރުމަނުގެ ޗެންޕިއަން ބަޔާން މިއުނިކް 1-0 ގެ ނަތީޖާއަކުން ބަލިކޮށް އިޓަލީގެ ލާޒިއޯ އިން ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
ރޯމުގެ ސްޓާޑިއޯ އޮލިމްޕިކްގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރީ ބަޔާން މިއުނިކުން ނެވެ. އަދި މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
އެގޮތުން އެޓީމުގެ އިގިރޭސި ފޯވާޑް ހެރީ ކޭންގެ އިތުރުން ސާނޭ އަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔަ އިރު، ފުރަތަަމަ ހާފުގައި ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައިި ވެސް ބަޔާން މިއުނިކުން މެޗު ޑޮމިނޭޓުކުރަމުން ދަނިކޮށް އެޓީމަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ފަހުހާފުގެ 67 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ޑޭއޮޓް އަޕަމެކާނޯ އަމިއްލަ ޕެނަލްޓީ އޭރިއާ ތެެރެއިން ލާޒިއޯގެ ކުޅުންތެރިޔަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އަދި މިފައުލާއި ގުޅިގެން ރެފްރީ ވަނީ ލާޒިއޯއަށް ޕެނަލްޓީއެއް ވެސް ދީފައެވެ.
މި ޕެނަލްޓީ ކާމިޔާބުކޮށް ލާޒިއޯއަށް މެޗުގެ ލީޑު ހޯދައިދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ސިރޯ އިމޮބިލޭ އެވެ. އަދި ލާޒިއޯގެ ލަނޑަށްފަހު ދެޓީމުގެ ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ލާޒިއޯ ކުރީގައި އޮވެގެންނެވެ.
މިއީ ފާއިތުވެދިޔަ 11 އަހަރުގެ ތެރޭގައި ޗެންޕިްއަންސް ލީގުގެ ރައުންޑް އޮފް 16 ގެ ފުރަތަަމަ ލެގުގައި ބަޔާން މިއުނިކް ބަލިވި ފުރަތަމަ މެޗެވެ. އަދި މިމޮޅާއެކު މިދެޓީމުގެ މެދުގައި ކުޅެވޭ ދެވަނަ ލެގުގެ މެޗުގައި ބަޔާންގެ ދަނޑުގައި މާޗުމަހުގެ 6 ވަނަ ދުވަހު ލާޒިއޯ އިން ނުކުންނާނީ 2000 ވަނަ އަހަރުގެ ފަހުން ފުރަތަަމަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމުގެ އުންމީދުގައެވެ.