ބްރަހީމް ޑިއާޒްގެ ހަމައެކަނި ލަނޑާއެކު އާރުބީ ލެޕްޒިގް އަތުން ރެއާލް މޮޅުވެއްޖެ
ހަސަން ޝަމްއޫން
2/14/2024, 12:21:36 AM
ބްރަހީމް ޑިއާޒް އާރުބީ ލެޕްޒިގް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ޔުއެފާ ޗެމްޕިއަންސްލީގު ރައުންޑް އޮފް 16 ގެ ފުރަތަަމަ ލެގުގައި އަންގާރަދުވަހުގެ ރޭ ރަށުން ބޭރުގައި އާރުބީ ލެޕްޒިގް އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މެޗު ފެށިގެން ދެވަނަ މިނެޓުގައި އާރުބީ ލެޕްޒިގް އިން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ރެއާލް މެޑްރިޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޕެނިޝް މިޑްފީލްޑަރު ބްރަހީމް ޑިއާޒް އެވެ.
މިއީ ރެއާލް މެޑްރިޑްގެ ޑިފެންޑަރު ކަވަހާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކައިރީގައި ތިބި ދެކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ބޯޅައާއެކު ޕެނަލްޓީ އޭރިއާ ތެެރެއަށް ވަދެ ކުރިއަށް ފޮނުވާލި ހަމަލާ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެއިތުރުން ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި ލެޕްޒިގްގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ހުސް ފުރުސަތުގައި ރެއާލްގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ. އަދި މިދެޓީމުގެ މެދުގައި ކުޅެވޭ ދެވަނަ ލެގުގެ މެޗު ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 7 ވަނަ ދުވަހުއެވެ.