ރަށުން ބޭރުގައި އެސްޓަން ވިލާ އަތުން މޮޅުވެ ޗެލްސީ އިން އެފްއޭ ކަޕުގެ ފަސްވަނަ ބުރުން ޖާގަ ހޯދައިފި
ހަސަން ޝަމްއޫން
2/8/2024, 4:45:00 AM
ޗެލްސީ ކުޅުންތެރިން އެސްޓަން ވިލާ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
އިގިރޭސި އެފްއޭ ކަޕުގެ ހަތަރުވަނަ ބުރުގެ ރިީޕްލޭ މެޗުގައި ބުދަދުވަހުގެ ރަށުން ބޭރުގައި 3-1 ގެ ނަތީޖާއަކުން އެސްޓަންވިލާ އަތުން މޮޅުވެ ޗެލްސީ އިން މުބާރާތުގެ ފަސްވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
މިދެޓީމު ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ޗެލްސީ އިން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ.
އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު 11 ވަނަ މިނެޓުގައި މިޑްފީލްޑަރު ކޯނޯ ގަލެގާރ ކަމިޔާބުކުރި އިރު، އެޓީމުގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނިކޮލަސް ޖެކްސަން އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ޗެލްސީގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް އެވެ. މިއީ އެސްޓަން ވިލާގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ލިބުނު ހިލޭ ޖެހުމެއްގައި ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އެސްޓަން ވިލާ ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފުރާންސްގެ ފޯވާޑް މޫސާ ޑިއާބީއެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ. އަދި މުބާރާތުގެ ފަސްވަނަ ބުރުގައި މިމަހުގެ 29 ވަނަ ދުވަހު ޗެލްސީ އިން އަމިއްލަ ދަނޑުގައި ނުކުންނާނީ ލީޑްސް ޔުނައިޓެޑާއި ދެކޮޅަށެވެ.