މޮޅަށް ކުޅުނު އީރާން އަތުން މޮޅުވެ، ގަތަރު ފައިނަލުން ޖާގަ ހޯދައިފި
ހަސަން ޝަމްއޫން
2/8/2024, 3:04:09 AM
ގަތަރާއި އީރާން ވާދަކުރި މެޗުގެ ތެރެއިިން
ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބުދަދުވަހުގެ ރޭ ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން އީރާން އަތުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ގަތަރުން މުބާރަތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އީރާނުން ނެވެ. މިލަނޑު ފުރަތަމަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ސަރުދާރު އަޒުމޫން އެވެ.
ގަތަރުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޖާސިމް އަބްދުއްސަލާމް އެވެ. މިއީ އެޓީމުގެ ފޯވާޑް އަކްރަމް އަފީފް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި އަކްރަމް އަފީފް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.
މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ގަތަރު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އީރާނުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ފޯވާޑް އަލީރެޒާ ޖަހަންބަޚްޝް އެވެ.
ގަތަރުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދީ ދެވަނަ ހާފުގެ 82 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އަލްމޮއެޒް އަލީ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އީރާނުގެ ޑިފެންޑަރު ޝޯޖާ ޚަލީލްޒާދާ ކުރި ކުށަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ގަތަރު ކުރީގައި އޮވެގެންނެވެ.
މިއީ މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ޖާގަ ހޯދި ދެވަނަ ފަހަރެވެ. އަދި މުބާރާތުގެ ފައިނަލްގައި މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 20:00 ގައި ގަތަރުން ނުކުންނާނީ ޖޯޑަން އާއި ދެކޮޅަށެވެ.