އިނގިރޭސިވިލާތުގެ ރަސްގެފާނު ކެންސަރު ބައްޔަށް ފަރުވާ ހޯދަނީ
އައިޝަތު އިފާޝާ
2/6/2024, 7:00:30 AM
އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނަ އާއި އަނބިކަނބަލުން
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް އަށް ކެންސަރު ބަލި ޖެހި ފަރުވާ ދޭން ފަށައިފިއެެވެ.
އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސް އިން މިދިޔަ ހޯމަ ދުވަހު ރަސްގެފާނު ޗާލްގެ ބައްޔާ ގުޅޭގޮތުން މައުލޫމާތު ހާމަކޮށްފައިވީ ނަމަވެސް އޭނާއަށް ޖެހިފައިވަނީ ކެންސަރުގެ ކޮން ބާވަތެއް ކަމެއް ހާމަކޮށްފައެއް ނުވެއެެވެ.
މިކަން ހާމަކޮށްފައިވަނީ ރަސްގެފާނުގެ ޕްރޮސްޓޭޓް ދުޅަވެ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދަވާފައިވަނިކޮށެވެ. އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަސްގެފާނަށް ޖެހިފައިވަނީ ޕްރޮސްޓޭޓް ކެންސަރު ކަމަށް ނުބެލެވޭ ކަމަށެެވެ.
ބައްޔަށް ފަރުވާ ހޯއްދަވަމުން ދިއުމާ ގުޅިގެން އާންމުކޮށް ރަސްގެފާނު ބައިވެރިވެވަޑައިގަންނަވާ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވާނެ ކަމަށްވެސް ޝާހީ ގަނޑުވަރުން ބުނެފައިވެއެވެ. ނަމަވެސް މުހިންމު ލިޔެކިޔުންތަކުގައި ސޮއިކުރުމާއި, ޕްރައިވެޓް ބައްދަލުވުންތައް ކުރިއަށް ގެންދަވާނެ ކަމަށް ބެލެވޭ ކަމުގައި ގަނޑުވަރުން ވަނީ ކަށަވަރުކޮށްދީފައެވެ.
ރަސްގެފާނު ވަނީ އެމަނިކުފާނު އަމިއްލަފުޅަށް ބަލީގެ ހާލަތު އާއިލާއަށް ދެއްވާފައެވެ. އެކަމާ ގުޅިގެން ކެލިފޯނިޔާގައި ހުންނެވި ޕްރިންސް ހެރީ ކުރިއަށް އޮތް ދުވަސްތަކުގައި އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.