ތަފާތުބޮޑު ނަތީޖާއަކުން ބީޖީ ބަލިކޮށް މަސްއޮޑި ސެމީ ފައިނަލަށް
ހަސަން ޝަމްއޫން
2/6/2024, 12:00:00 AM
ބީޖީ ކޮޅަށް ލަނޑުޖެހުމަށް ފަހު މަސްއޮޑި ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ
އެމްޕީއެލް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް ފުރަތަަމަ މެޗުގައި ހޯމަދުވަހު ހަވީރު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބީޖީ ސްޕޯޓްސް ކުލަބު ބަލިކޮށް މަސްއޮޑި ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މަސްއޮޑި ސްޕޯޓްސް ކުލަބުން މެޗު ޑޮމިނޭޓުކުރި އިރު، މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެޓީމުގެ އެޓޭކުތައް ހުއްޓުވުމުގައި ބީޖީ ސްޕޯޓްސް ކުލަބުގެ ފަރާތުން މިހާފުގައި ވަނީ ރަނގަޅު ޑިފެންސިވް ކުޅުމެއް ފެނިގެން ގޮސްފައެވެ.
މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި މަސްއޮޑި ސްޕޯޓްސް ކުލަބުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް މުހައްމަދު ރާހިލް ރަޝީދު އެވެ. މިއީ އެޓީމުގެ އަލީ ޝާމިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ ބިދޭސީ ކުޅުންތެރިއާ، އެލް ސައީދު އެވެ.
މިމެޗުގައި މަސްއޮޑިން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި އެޓީމުގެ އަލީ ޝާމިސް ކަމިޔާބުކުރި އިރު، އޭގެ 10 މިނެޓުފަހުން އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ޝަރީފް މުހައްމަދު (އިއްބެ) އެވެ. އަދި އެޓީމުގެ ފަސްވަނަ ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ މިޑްފީލްޑަރު، އިސްމާއިލް ފިކްރީ އެވެ. މިއީ، މަސް އޮޑި ޓީމުގެ ހުސެއިން ޝަރީފް އަށް ބީޖީގެ ކީޕަރު، ހުސެެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-0 ގެ ނަތީޖާއަކުން މަސްއޮޑި ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.
ދެ ވަނަ ޑިވިޝަނުގައި މާދަމާ ހަވީރު ކުޅޭ ކުއާޓާ ފައިނަލް މެޗުގައި ބައްދަލުކުރާނީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ޕީކޭ އެވެ. މެޗު ފަށާނީ 15:50 ގަ އެވެ. އެ އަށް ފަހު، ބުދަ ދުވަހު ހަވީރު ކުޅޭ ކުއާޓާ ފައިނަލް މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބް ނުކުންނާނީ ކުޑަހެންވޭރު ޔުނައިޓެޑާ ދެކޮޅަށެވެ. އަދި ކުއާޓާގައި ނިއު އާއި ވިކްޓަރީ ކުޅޭ ދެ މެޗުން އެ ދެޓީމު މޮޅުވެއްޖެނަމަ ފައިނަލުގެ ފުރުސަތު ލިބިގެންދާނީ މި ދެޓީމުން ކުރެ އެއް ޓީމަށެވެ.
މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މަސްއޮޑި ސްޕޯޓްސް ކުލަބު މޮޅުވެފައި ވާއިރު ސެމީގައި އެޓީމު ވާދަކުރަންޖެހެނީ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ބުރާސްފަތި ދުވަހުގެ ހަވީރު ޓެންޓު ސްޕޯޓްސް ކުލަބާއި ލެގޫންސް ސްޕޯޓްސް ކުލަބު ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.