
ދިވެހި ހައްޖުވެރިން
ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ދަށުން ހައްޖަށް ފޮނުވާ މީހުން ކަނޑައަޅާނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ މެދުގައި ގުރުލައިގެން ކަން ހާމަކޮށްފިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުން، ފުދުންތެރިކަން ނެތް މީހުން ހިލޭ ފަރުޟު ޙައްޖަށް ގެންދިއުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި ވައުދާއި އެއްގޮތަށް ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ޙައްޖަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި ހަމަތަކާއި މިންގަނޑުތައް މިއަދު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ގެޒެޓުކުރީ މިއަދު އެވެ.
މިއަދު ގެޒެޓު ކުރި އުސޫލުގައި ބުނެފައިވާ ގޮތުގައި ޙައްޖަށް ފޮނުވާނެ މީހުން ކަނޑައަޅާނީ އެ ވުޒާރާއިން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ މެދުގައި އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ގުރުއަތުލުމަކުންނެވެ. މި އުސޫލުގެ ދަށުން ޖާގަ ލިބޭ ފަރާތްތައް ޙައްޖަށް ދިއުމަށް ހަމަޖެހިފައިވަނީ ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށެވެ.
މި އުސޫލުގެ ދަށުން ޙައްޖަށް ގެންދާ މީހުންނަށް ކޯޓާ ހަމަޖައްސާނީ، ވުޒާރާގެ ބޭނުމަށް ރިޒާވްކުރާ ޙައްޖު ކޯޓާގެ ތެރެއިންް ކަމަށްވެސް އެވުޒާރާއިން މިއަދު ގެޒެޓު ކުރި އިއުލާނުގައި ވަނީ ބުނެފައި އެވެ.
މި އުސޫލުގެ ދަށުން ހިލޭ ހައްޖަށް ގެންދާ މީހުން ހޮވުމުގައި ބަލާނެ ފަސް ޝަރުތެއް ބަޔާންކޮށްފައިވެ އެވެ. އެ ޝަރުތުތަކަކީ؛
- ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވުން.
- ހައްޖުގެ އަޅުކަން ކުރިން އަދާކޮށްފައި ނުވާ މީހަކަށް ވުން.
- އެ އަހަރަކު އިއުލާންކުރާ އުމުރުފުރާގެ މީހަކަށް ވުން.
- ހައްޖުގެ އަޅުކަން އާދަކުރެވޭނެ ސިއްހީ ހާލެއްގައި ހުރުން.
- އެ އަހަރަކު ހައްޖަށް ގެންދާ މީހުން ހޮވުމުގެ ކުރިން މީލާދީ ގޮތުން 69 އަހަރު ފުރިފައި ނުވާ މީހަކަށް ވުން.
މި އުސޫލުގެ ދަށުން ކޮންމެ މީހަކަށް ދޭނީ އެންމެ ޖާގައެއް ކަން އިއުލާނުގައި ވަނީ ބުނެފައި އެވެ.
ފަގީރުންގެ ދަފްތަރުގައި މިވަގުތު 6،000 އެއްހާ މީހުން ތިބިއިރު ކެބިނެޓުން ނިންމާފައި ވަނީ މި އަހަރުގެ ހައްޖަށް 50 މީހުން ފޮނުވުމަށެވެެ. އަދި މި މީހުންގެ ހަރަދު ޒަކާތު ފަންޑުން ހަމަޖައްސަން ކެބިނެޓުން ވަނީ ނިންމާފައި އެވެ. ކުރިއަށް އޮތް އަހަރުތަކުގެ ދައުލަތުގެ ބަޖެޓުންނާއި އެކި ފަރާތްތަކުގެ ސްޕޮންސަރުންގެ ދަށުން މި ހަރަދު ހޯދުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.
ގުޅުންހުރި

ދިވެހި އުމްރާވެރިންގެ ތެރޭގައި ހިމެނޭ ތުއްތު ކުދިންނަށް ޚާއްސަ ހަވީރެއް!

ހައްޖު ކޯޕަރޭޝަނުން ތަރައްޤީކުރާ "ނިޢަމް ރެސިޑެންސް" މަޝްރޫޢުގެ ޑިޒައިން ޚިދުމަތްތައް ފޯރުކޮށްދިނުން އެފްޑީސީއަށް!

ހައްޖު ކޯޕަރޭޝަނުގެ "މުވައްޒަފުންގެ ސްކީމް"ގައި ވެމްކޯއިން ބައިވެރިވެއްޖެ
