
އެތްލެޓިކޯ މެޑްރިޑާއި އެއްވަރުވެ ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު ރެއާލް މެޑްރިޑުން ނަގާލައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# އެތްލެޓިކޯ މެޑްރިޑް # ސްޕެނިޝް ލަ ލީގާ# ރެއާލް މެޑްރިޑްބްރަހީމް ޑިއާޒް އެތްލެޓިކޯ މެޑްރިޑް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 1-1 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑާއި އެއްވަރުވެ، ލީގު ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދުމަށް ލިބުނު ފުރުސަތު ރެއާލް މެޑްރިޑުން ނަގާލައިފި އެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ރެއާލް މެޑްރިޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ބްރަހީމް ޑިއާޒް އެވެ. މިއީ އެތްލެޓިކޯ މެޑްރިޑްގެ ފަހަތަށް ކުޅޭ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފު ވަރުގަދަކޮށް ފެށީ އެތްލެޓިކޯ މެޑްރިޑުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
އެތްލެޓިކޯ މެޑްރިޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު މާކަސް ލޮރެންޓޭ އެވެ. މިއީ އެޓީމުގެ ނެދަލޭންޑްސް ފޯވާޑް މެމްފިސް ޑިޕާއީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއާއެކު ލީގުގައި ކުޅުނު 23 މެޗުން ރެއާލް މެޑްރިޑަށް 58 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 23 މެޗުން އެތްލެޓިކޯ މެޑްރިޑަށް 48 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަތަރުވަނައިގައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




