ޗެލްސީގެ ދަނޑުގައި ވުލްވްސް އިން އެޓީމު ލަދުގަންނަވާލައިފި
ހަސަން ޝަމްއޫން
2/5/2024, 1:00:00 AM
ޗެލްސީ ކޮޅަށް ލަނޑުޖެހުމަށް ފަހު ވުލްވްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވުލްވްސް އިން ލީގު ތާވަލުގެ 10 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި 4-1 ގެ ނަތީޖާއަކުން ލިވަޕޫލް އަތުން ބަލިވެފައިވާއިރު، މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 23 މެޗުގެ ތެރެއިިން އެޓީމު ބަލިވި 10 ވަނަ މެޗެވެ. މީގެ އިތުރުން މިއީ ވުލްވްސް އަތުން ޗެލްސީ ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޗެލްސީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ކޯލް ޕަލްމާ އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު މޮއިސަސް ސަސެއިޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނަމަވެސް އޭގެ ތިން މިނެޓު ފަހުން ވުލްސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް މަތިއުސް ކުނިއާ އެވެ. އަދި ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ވުލްވްސް އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފުރަތަަމަ ފަހަރަށް މިމެޗުގައި ލީޑު ހޯދާފައެވެ.
މިލަނޑަކީ ޗެލްސީގެ ފްރާންސް ޑިފެންޑަރު އެކްސެލް ޑިސާސީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ވުލްވްސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ވުލްވްސް އިން އެޓީމުގެ ލީޑު ފުޅާކުރީ ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައެވެ. މިއީ އެޓީމުގެ ޕޯޗުގަލް ފޯވާޑް ޕެޑްރޯ ނެޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މަތިއުސް ކުނިއާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ދެވަނަ ހާފުގެ 82 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ވުލްވްސްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީ މަތިއުސް ކުނިއާ ވަނީ މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން ތިއާގޯ ސިލްވާ ވަނީ ލަނޑެއް ކާމިޔާބުކޮށް ޗެލްސީއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން ވުލްވްސް ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 23 މެޗުން 32 ޕޮއިންޓް ހަމަކޮށް ވުލްވްސް އިން ވަނީ ޗެލްސީ ފަހަތަށް ޖައްސާލުމަށްފަހު ލީގު ތާވަލުގެ 10 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިމެޗުން ބަލިވި ޗެލްސީ އަށް ލީގުގައި ކުޅުނު 23 މެޗުން ލިބުނު 31 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 11 ވަނައިގައެވެ.