
މާލީ އާއި މޮރޮކޯ ވާދަކުރި މެޗުގެ ތެރެއިން..
މޮރޮކޯގައި މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންގައި ރޭ ގުރޫޕް އޭގައި މާލީ އާއި ދެކޮޅަށް މުބާރާތް ބައްވާ ގައުމު މޮރޮކޯ އިން ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މޮރޮކޯ އިން ކުޅުނު ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ކޮމޯރޯސް އަތުން މޮޅުވެފައިވާއިރު، މާލީގެ ފުރަތަމަ މެޗުގައި ޒަމްބިއާ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މި ދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މޮރޮމޯ އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މޮރޮކޯ އިން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ބްރަހީމް ޑިއާޒް އެވެ.
ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މޮރޮކޯ އިން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވިދިޔައިރު، މެޗުގެ 64 ވަނަ މިނެޓުގައި މާލީއަށް ލިބުނު ޕެނަލްޓީއެއްގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ލަސްސައިން ސިނަޔޯކޯ އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން މޮރޮކޯއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން މާލީއަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ.







