އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން މޮޅުވެ އާސެނަލް ދެވަނައަށް
ހަސަން ޝަމްއޫން
2/5/2024, 12:30:00 AM
އާސެނަލްގެ ބަކަޔޯ ސަކާ ލިވަޕޫލު ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް އާސެނަލް އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓުކުރި އިރު، މިމެޗުގައި އެޓީމުން ލީޑު ހޯދީ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި ފޯވާޑް ބަކަޔޯ ސަކާ އެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ލިވަޕޫލުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑަކީ ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އާސެނަލްގެ ބްރެޒިލް ޑިފެންޑަރު ގެބްރިއަލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 67 ވަނަ މިނެޓުގައި އާސެނަލް އިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދިއިރު، މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ގެބްރިއަލް މާޓިނެލީ އެވެ.
ލިވަޕޫލަށް މިމެޗުގައި އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގެ 88 މިނެޓުގައި އެޓީމުގެ ފްރާންސް ޑިފެންޑަރު އިބްރާހިމާ ކޮނޭޓް ކުރި ކުށަކާއި ގުޅިގެން މެޗުގެ ރެފްރީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.
އާސެނަލް އިން އެޓީމުގެ ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ލިއަންޑުރޯ ޓްރޮސާޑް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ. އަދި މިއީ ލިވަޕޫލުން އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިިން އެޓީމު ބަލިވި ފުރަތަަމަ މެޗެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 23 މެޗުން އާސެނަލްއަށް 49 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ލިވަޕޫލުން ލީގުގައި ކުޅުނު 23 މެޗުން 52 ޕޮއިންޓް ހޯދާފައިވާ އިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ.