logoEN
cocacola
އަލަވޭސް އަތުން މޮޅުވެ، ބާސެލޯނާ އިން ފަރަގު ކުޑަކޮށްފި

އަލަވޭސް އަތުން މޮޅުވެ، ބާސެލޯނާ އިން ފަރަގު ކުޑަކޮށްފި

ހަސަން ޝަމްއޫން

logo

2/4/2024, 5:06:21 AM

# އަލަވޭސް # ލަލީގާ# ބާސެލޯނާ # ބޭރު ދުނިޔޭގެ ކުޅިވަރު

އަލަވޭސް އާއި ބާސެލޯނާ ވާދަކުރި މެޗު ތެރެއިިން

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 3-1 ގެ ނަތީޖާއަކުން އަލަވޭސް އަތުން މޮޅުވެ ބާސެލޯނާ އިން ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓުކުރި ނަމަވެސް މިހާފުގައި އަލަވޭސް އިން ވަނީ ލަނޑުޖަހާނެ ރަގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިހާފުގައި ބާސެލޯނާ އިން އަލަވޭސްގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.

މިލަނޑު ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވަންޑޮވްސްކީ އެވެ. މިއީ އެޓީމުގެ ޖަރުމަނު ޑިފެންޑަރު ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގުންޑޮގާން އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު ޕެޑްރީ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް އެއްފަހަރުން ޖަހައި ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް އޭގެ ތިން މިނެޓު ފަހުން އަލަވޭސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ސަމޫ އޮމޮރޮޑިއަން އެވެ. މިއީ އެޓީމުގެ އެލެކްސް ސޯލާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބާސެލޯނާގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ބާސެލޯނާގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތްތާ ދެމިނެޓު ފަހުން ބްރެޒިލްގެ ޒުވާން ފޯވާޑް ވިޓަރ ރޯކް އެވެ. މިއީ އުމުރުން 18 އަހަރުގެ ފޯވާޑް ބާސެލޯނާ އަށް އެންމެ ފަހުން ކުޅުނު ދެމެޗުގައި ކާމިޔާބުކޮދިން ދެވަނަ ލަނޑެވެ.

ނަމަވެސް އޭގެ 9 މިނެޓް ފަހުން ވިޓަރ ރޯކް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ. އަދި މެޗުގެ ފަހުބައިގައި އަލަވޭސް އިން ކުރިއަށްޖެހި ލަނޑެއްޖެހޭތޯ ވަރަށް މަސައްކަތް ކުރި ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 23 މެޗުން ބާސެލޯނާ އަށް 50 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލަވޭސް އިން ލީގުގައި ކުޅުނު 23 މެޗުން ލިބުނު 26 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 12 ވަނައިގައެވެ.

ލީގުގައި ރޭ ޖިރޯނާ އާއި ރެއާލް ސޮސެއިޑާޑް ވާދަކުރި މެޗު ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. އަދި މިނަތީޖާއާއެކު ލީގުގައި ކުޅުނު 23 މެޗުން ޖިރޯނާ އަށް 56 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި 23 މެޗުން ލިބުނު 37 ޕޮއިންޓާއެކު ސޮސިއެޑާޑް މިވަގުތު އޮތީ ލީގު ތާވަލްގެ 6 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ