އުޒްބެކިސްތާން އަތުން މޮޅުވެ ގަތަރު ސެމީފައިނަލަށް
ހަސަން ޝަމްއޫން
2/4/2024, 12:53:49 AM
ގަތަރާއި އުޒްބެކިސްތާން ވާދަކުރި މެޗުގެ ތެރެއިިން
ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ހޮނިހިރު ދުވަހުގެ ރޭ ޕެނަލްޓީގައި އުޒްބެކިސްތާން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ގަތަރުން މުބާރަތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ގަތަރު މުބާރާތްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ފަލަސްތީނު ބަލިކުރުމަށްފަހު އެވެ. އަދި އުޒްބެކިސްތާން ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި 2-1 ގެ ނަތީޖާއަކުން ތައިލެންޑް ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ގަތަރުން ނެވެ. މިލަނޑަކީ ފުރަތަަމަ ހާފުގެ 27 ވަނަ މިނެޓުގައި ގަތަރުގެ ކެޕްޓަން ހަސަން އަލް ހައިޑޯސް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެތެރޭގައި އުޒްބެކިސްތާންގެ ކީޕަރު އުޓްކިރް ޔޫސުޕޮވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ގަތަރު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އުޒްބެކިސްތާނުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ގަތަރުގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޚަމަރޯބެކޯވް އެވެ.
މިއީ ގަތަރުގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި ބޯޅައާއެކު ކުރިއަށް އަރައި ކައިރީގައި ތިބި ދެކުޅުންތެރިން ކައިރިން ނައްޓާލުމަށް ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު މެޗުގެ 90 މިނެޓްގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު ނަތީޖާ ނެރުމަށްޓަކައި ކުޅެވުނު 15 މިނެޓްގެ ދެ ހާފްގައި ވެސް ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. އަދި މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ގަތަރުން ކުރިއަށް ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިިން ތިން ޕެނަލްޓީ އެޓީމުން ކާމިޔާބުކުރި އިރު، އުޒްބެކިސްތާނުގެ ފަސް ޕެނަލްޓީގެ ތެރެއިިން އެޓީމަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީއެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ގަތަރު ކުރީގައި އޮވެގެންނެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިމަހުގެ 7 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 20:00 ގައި ގަތަރުން ނުކުންނާނީ އީރާނާއި ދެކޮޅަށެވެ.