މަޖިލިސް އިންތިޚާބުގައި ރީ-ރަޖިސްޓްރީވުމަށް 1200 އަށްވުރެ ގިނަ މީހުން ހުށައަޅައިފި
އައިޝަތު އިފާޝާ
2/3/2024, 6:26:05 PM
މަޖިލިސް އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް މިހާތަނަށް 1200 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.
ހަބީބު ވިދާޅުވީ، މިހާތަނަށް 1257 މީހަކު ރީ-ރަޖިސްޓްރީވުމަށް ހުށައަޅާފައިވާކަމަށާއި، މީގެތެރެއިން 1060 މީހުން ރީ-ރަޖިސްޓްރީ ކޮށްދީފައިވާކަމަށެވެ. އަދި އެކި ސަބަބުތަކާ ހެދި 197 ހުށަހެޅުމެއް ބަލައިނުގަންނަ ކަމަށްވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.
ރީ-ރަޖިސްޓްރޭޝަންގެ މަރުޙަލާ މިފަހަރު ކުރިއަށްދާނީ އޮންލައިންކޮށެވެ. އަދި އީ-ފާސް ބޭނުންކޮށްގެންވެސް ރީ-ރަޖިސްޓަރވެވޭނެއެވެ. އޮންލައިންކޮށް ފޯމު ހުށަހަޅަން ދަތިވާ ފަރާތްތަކުން އިންތިޚާބާ ބެހޭ މައި މަރުކަޒަށް ދިއުމުން އެފަރާތްތަކަށް އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.
ރިސޯޓުތަކާއި، ޖަލުތަކާއި ސިނާޢީ މަސައްކަތްކުރާ ތަންތަނަށް ރަޖިސްޓްރީވެފައިވާ ފަރާތްތައް ފިޔަވައި، އެހެން މީހުން ރަޖިސްޓްރީވެފައި އޮންނާނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައި އޮތްތަނަށް ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.
ރީ-ރަޖިސްޓްރީ ކުރަަން ހުށަހެޅުމުގެ ކުރިން، މިހާރު ރަޖިސްޓްރީ ވެފައިވާ ތަން ޗެކްކުރުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ އެދިވަޑައިގެންފައެވެ.
މަޖިލިސް އިންތިޚާބުގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 7ވަނަ ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނައަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރީ-ރަޖިސްޓަރީ ކޮށްފައިވަނީ 20848 މީހުންނެވެ.