ރާއްޖޭގެ އީއީޒެޑް ތެރެއަށް ހުއްދަ ނުނަގާ އެއްވެސް ޤައުމަކަށް ވަދެވިގެން ނުވާނެ - ރައީސް ޞާލިޙް
އައިޝަތު އިފާޝާ
2/3/2024, 6:22:04 PM
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު
ރާއްޖޭގެ އީއީޒެޑް ތެރެއަށް ހުއްދަ ނުނަގާ އެއްވެސް ޤައުމަކަށް ވަދެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވެފައި މިވަނީ ހއ.ދިއްދޫ އިރު އުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް ދިވެހި މަސް ދޯނިތަކަކަށް އިންޑިއާ އަސްކަރިއްޔާއިން މިދިޔަ ބުދަ ދުވަހު، އަރާފައިވަނިކޮށެވެ. ދިފާޢީ ވުޒާރާއިން ވިދާޅުވެފައިވަނީ ދިވެހި މަސްދޯނިތަކަށް އިންޑިއާ ސިފައިން އަރާފައިވަނީ ދިވެހިރާއްޖޭގެ ކަމާގުޅުންހުރި އެއްވެސް އިދާރާއަކާއި ޙިއްސާކުރުމެއްނެތި އަދި ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނުތަކާއި އުޞޫލުތަކާ ޚިލާފަށްކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ކުރިއަށްގެންދިޔަ ޕްރައިމަރީގެ ކަންކަން ބައްލަވާލެއްވުމަށް މަޖީދިއްޔާ ސްކޫލަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ މިކަން މިގޮތަށް ހިނގާފަ އޮތްނަމަ އެއީ ވަރަށް ގޯސްކޮށް ހިނގާފަ އޮތް ކަމެއްކަމަށާއި މިފަދަ ކަމެއް އެއްވެސް ޤައުމަކުން އަނެއް ޤައުމެއްގެ ސަރަހައްދުތެރެއަށް ވަދެ ހިންގައިގެން ނުވާނެ ކަމަށެވެ. ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުގެ ތެރެއަށް ބޭރުގެ އެއްވެސް ޤައުމަކަށް ހުއްދަ ނުނަގާ ވަދެވިގެން ނުވާނެ ކަމަށާއި، އެކަން ކޮށްފިނަމަ އެއީ ބައިނަލްއަޤްވާމީ ޤާނޫންތަކާވެސް ޚިލާފް ކަމެއް ކަމަށެވެ.
"ވީހާވެސް އަވަހަކަށް އެކަން ތަޙްޤީގުކޮށް އެކަން ހިނގާފަ އޮތްގޮތް ބަލާ އާއްމުކުރުމަކީ ހާމަކުރުމަކީ މިކަމާ ހަވާލުވެ ތިއްބެވި ބޭފުޅުންގެ ކަމެއް. އަދި އެވިދާޅުވާ ގޮތަށް އެޤައުމަކުން އިންޑިޔާއިން ކަމަށްވަންޏާ އެފަރާތްތަކާވެސް އެކަމުގެ ޝަކުވާ ހުށަހަޅާ ކަން ހިނގާފަ އޮތް ގޮތް ބަލާ ދެވަނަ ފަހަރަށް މިއިން ކަމެއް ދިމާވިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަންޖެހޭނެ. ރައީސް ޞާލިހް ވިދާޅުވިއެވެ.
ދިވެހި ސަރުކާރުންވެސްވަނީ އިންޑިޔާގެ ޢަސްކަރިއްޔާއިން ބައިނަލްއަގުވާމީ ގާނޫނުތަކާއި ޚިލާފަށް ރާއްޖެ ސަރަހައްދަށްވަދެ، ރާއްޖޭގެ މަސް ދޯނިތަކަކަށް އަރައި ހިންގި އޮޕަރޭޝަނުގެ ތަފްސީލް ދެއްވުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައެވެ.
އަދި އެމްއެންޑީއެފުންވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ޙިމާޔަތްކޮށް ރައްކާތެރިކުރުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާފައެވެ. އަދި ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުން ނަފާ ހޯދުމުގައި ދިވެހި މަސްވެރިން ކުރަމުންދާ މަސައްކަތް ސާބިތުކަމާއެކު ކުރިއަށްގެންދިއުމަށް ވަނީ އެދިވަޑައިގެންފައެވެ.