ފަހަތުން އަރައި ވަރުގަދަ ޖަޕާން ބަލިކޮށް އީރާން ސެމީފައިނަލަށް
ހަސަން ޝަމްއޫން
2/3/2024, 3:07:00 PM
ޖަޕާނާއި އީރާން ވާދަކުރި މެޗުގެ ތެރެއިިން
މިހާރު ގަތަރުގައި ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި މިއަދު ހަވީރު ޖަޕާނާއި އީރާން ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އީރާނުން މުބާރާތްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުން ޖަޕާން ޖާގަ ހޯދައިފި ދެވަނަ ބުރުގައި 3-1 ގެ ނަތީޖާއަކުން ބަހްރެއިން ބަލިކުރުމަށްފަހު އެވެ. އަދި އީރާނުން ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި އިރާގާއި ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ޕެނަލްޓީގައި އެޓީމު ބަލިކުރުމަށްފަހު އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޖަޕާނުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޕޯޓިން ލިސްބަންގެ މިޑްފީލްޑަރު ހިޑެމާސާ މޮރިޓާ އެވެ. މީގެއިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޖަޕާން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އީރާނުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް މުހައްމަދު މޮހެބީ އެވެ. މިއީ އެޓީމުގެ ފޯވާޑް ސަރުދާރު އަޒުމޫން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އިރާނުން މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ފޯވާޑް އަލީރެޒާ ޖަހަންބަޚްޝް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އީރާން ކުރީގައި އޮވެގެންނެވެ.
މުބާރާތުގެ ސެމީފައިނަލްގައި އީރާން ނުކުންނާނީ މިރޭ ކުޅެވޭ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ގަތަރާއި އުޒްބެކިސްތާން ވާދަކުރަ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.