ފަހަތުން އަރައި ގިނީ އަތުން މޮޅުވެ ކޮންގޯ ސެމީފައިނަލަށް
ހަސަން ޝަމްއޫން
2/3/2024, 12:16:40 AM
ގިނީ ބަލިކޮށް ސެމީ ފައިނަލުން ޖާގަ ހޯދުމަށްފަހު ކޮންގޯގެ ކުޅުންތެރިން އުފާފާޅުކުރަނީ
އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ހުކުރުދުވަހުގެ ރޭ 3-1 ގެ ނަތީޖާއަކުން ގިނީ ބަލިކޮށް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން މުބާރާތްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ކޮންގޯ އިން މުބާރާތްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު މިސްރާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ޕެނަލްޓީގައި އެޓީމު ބަލިކުރުމަށްފަހު އެވެ. އަދި ގިނީ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި އެކުއަޓޯރިއަލް ގިނީ 1-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ގިނީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ފޯވާޑް މުހައްމަދު ބަޔޯ އެވެ.
ނަމަވެސް އޭގެ 7 މިނެޓް ފަހުން ކޮންގޯ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޗާންސެލް އެމްބެމްބާ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ކޮންގޯ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ފުރަތަަމަ ފަހަރަށް މިމެޗުގައި ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ބްރެންޓްފޯޑްގެ ފޯވާޑް ޔޯން ވިސާ އެވެ.
މިމެޗުގައި ކޮންގޯ އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު އާތުރު މަސުއާކޫ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ކޮންގޯ ކުރީގައި އޮވެގެންނެވެ.
މުބާރާތުގެ ސެމީފައިނަލްގައި ކޮންގޯ އިން ނުކުންނާނީ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި މިރޭ މާލީ އާއި އައިވަރީ ކޯސްޓް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.